ގިނަ ކްލަބްތަކަކުން ހޯދުމަށް މަސައްކަތްކުރަމުންދާ އުދިނޭސީގެ ޗިލީ ތަރި ސަންޗޭޒް ހޯދުމަށް ބާސާ އަށް އުދިނޭސީއާ އެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް އެކްލަބުގެ ވެރިޔާ ޖިއަމްޕައޮލާ ޕޮޒޯގެ ދަރި ޖިނޯ ޕޮޒޯ ބުނެފި އެވެ.
"ސަންޗޭޒް ހޯދުމަށް ބާސާއާ އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެ." ޖިނޯ ޕޮޒޯ ބާސެލޯނާގެ އެލް ޕްރެޓް އެއާޕޯޓުގައި ހުރެ ސްޕެއިންގެ ރޭޑިއޯ ޗެނަލް ރެކް ވަން އަށް ދިން އިންޓަރވިއުއެއްގައި ބުންޏެވެ.

ކުއާޓާ ފައިނަލް މެޗާއި ހަމައަށް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ޗިލީއަށް ކުޅެދީ މޮޅުކުޅުމެއް ދެއްކި އެލެކްސިސް ސަންޗޭޒްއަށް ބާސެލޯނާގެ ޓްރެއިނިންގްގައި ބައިވެރިވެވޭނީ ރަސްމީކޮށް ސޮއިކުރުމަށް ފަހު އެވެ. މިދިޔަ ސީޒަން ނިމުމަށް ފަހު ބާސެލޯނާ އިން ހޯދުމަށް މަސައްކަތްކުރާ ސަންޗޭޒްގެ އަގު 27 މިލިޔަން ޕައުންޑަށް ވުރެ މަތިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަމިއްލަ ގައުމަށާއި ކްލަބް އުދިނޭސީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 22 އަހަރުގެ ފޯވާޑް ސަންޗޭޒް ހޯދުމަށް ޔޫރަޕްގެ ބޮޑު ކްލަބްތަކުން ވަރަށް ބޮޑު އިސްކަމެއް ދީފައިވެ އެވެ. އޭގެ ތެރޭގައި އިނިގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީގެ އިތުރުން ރެއާލް މެޑްރިޑް އިން މަސައްކަތްކޮށްފައިވެ އެވެ.

ސަންޗޭޒް ވަނީ އުދިނޭސީ ޗެމްޕިއަންސް ލީގާއި ހަމައަށް ގެނައުމަށް މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ. އެގޮތުން ސަންޗޭޒްވަނީ އުދިނޭސީ އަށް އިޓަލީ ލީގުގައި ކުޅެދިން 27 މެޗުން 12 ގޯލް ކާމިޔަބުކޮށްދީފަ އެވެ.