ގެއްލިގެން ހޯދާކަން އެނގުމުން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ އަމިއްލަ އަށް ގެއަށް އަތުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭއްސުރެއް ގެއްލިގެން ހޯދަމުން ދިޔައީ ހުޅުމާލެ ސްކޫލެއްގެ ގްރޭޑް 10ގައި ކިޔަވަމުންދާ ފާތިމަތު ޝައިނާ އަހުމަދު ނަމަކަށް ކިޔާ ކުއްޖެކެވެ. މަންމަ އާއެކު ހުޅުމާލޭގައި ދިރިއުޅޭ އެ ކުއްޖާ ހޯދަން ފަށާފައި ވަނީ މާލޭގައި އައިސް ރައްޓިއްސެއްގެ ގޭގައި ހުރެފައި ނުކުތް ގޮތަށް ހަބަރެއް ނުވެގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އިއްޔެ ހެނދުން ފެށިގެން ހޯދަމުންދިޔަ އެ އަންހެން ކުއްޖާ ފެނިފައި ވަނީ މިއަދު މެންދުރު ހާއިރު މާލެއިން ކަމަށެވެ.

އެ ކުއްޖާގެ ބައްޕަ އަހުމަދު ސަލީމް ސަން އަށް މިއަދު ބުނީ، ދަރިފުޅު ގެއަށް އައީ އަމިއްލައަށް ކަމަށާއި ހާލު ވެސް ރަނގަޅު ކަމަށެވެ.

ސަންއާ ވާހަކަ ދައްކަމުން ޝައިނާ ބުނީ، އޭނާ އުޅުނީ އެކަނި ކަމަށާއި ގެއަށް އައީ ވިލިމާލޭ ޓާމިނަލްގައި ހުރި ޓީވީން އޭނާ ގެއްލިގެން ހޯދާ ކަމަށް ފޮޓޯ އާއްމު ކުރުމުން ކަމަށެވެ.