27 Jul 2017, 14:41
މިނިވަން ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ކުރަމުން ގެންދެވި މަސައްކަތްތައް ހުއްޓުވައި މަގުމަތީގެ އަމާންކަން ނަގާލުމަށް އިދިކޮޅު ފަރާތްތަކުން ރޭވި ނަމަވެސް ދިވެހިން އެކަމަށް ޖަވާބުދީފައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ބުނެފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިނިވަން ދުވަހާއި ގުޅޭ ހާއްސަ ހަރަކާތްތައް ހުއްޓުވާލައި މާލޭގެ އެކި ސަރަހައްދުތަކަށް މީހުން އެއްކޮށް ހަމަނުޖެހުން އުފެއްދުމަށްޓަކައި "ހަވަރު އެއްކުރުމަށް" ގޮވާލާ މުޒާހަރާ ކުރުމަށް މަގުތަކަށް މީހުން ނެރުމަށް އިދިކޮޅު ސިޔާސީ ޕާޓީ ތަކުން މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އެއްވެސް ރައްޔިތަކު އިޖާބަ ދެއްވާފައި ނުވާ ކަމަށެވެ. އަދި އެކަމުން ދޭހަކޮށްދެނީ މިއަދުގެ ސަރުކާރުން ގައުމަށްޓަކައި ކުރާ މަސައްކަތްތަކަށް ރައްޔިތުން ތާއީދު ކުރާ މިންވަރު ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިދިކޮޅު ފަރާތްތަކުގެ އިސް ސަފުގައި މިއަދު ތިބީ ވޭތުވެދިޔަ 35 އަހަރުގައި ގައުމު ހިންގަން ތިބި ވެރިން ކަމަށާއި، އެފަރާތްތަކަށް ރައްޔިތުން އިޖާބަ ނުދިނުމުން އެނގިގެންދަނީ އެފަރާތްތަކުން ގެންގުޅުނު 'ޕޮލިޓިކްސް' ރައްޔިތުން ބަލައި ނުގަންނަކަން ކަމަށެވެ.
"... އެފަރާތްތަކުގެ ގޮވެއްޔަށް މިއަދު ރައްޔިތުން އިޖާބަ ނުދޭކަމީ، ދިވެހި ލޮބުވެތި ރައްޔިތުން މިއަދު އެފަރާތްތަކުން އެއިރު ގެންގުޅުނު 'ޕޮލިޓިކްސް' ބަލައިނުގަންނަކަމުގެ ދަލީލެކެވެ. އަދި މިޕާޓީގެ ސަރުކާރުން މިއަދު ރައްޔިތުންނަށް ގެނެސްދޭން މިމަސައްކަތް ކުރާ ގާނޫނީ، ތަހުޒީބީ ޑިމޮކްރަސީއަށް ރައްޔިތުންގެ ތާއީދު އޮތްކަމުގެ ހެއްކެއްވެސް މެ އެވެ." ޕީޕީއެމުން ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި 'ހަވަރު އެއްކުރުމަށް' ގޮވާލައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ރޭވިރޭވޔމަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއއި އެއްބައިވަންތަކަން ނެތްކަން ޕާކިސްތާނުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝަރީފަށް ދެއްކުމަށްޓަކައި ރޭވި އޮށްޓަރެއް ނެތް ދަށު ދަރަޖައިގެ ރޭވުމެއް ކަމަށް ބުނެފައިވެ އެވެ.