27 Jul 2017, 12:17
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
ސަމީރު މިއަދު 'ސަން' އަށް ވިދާޅުވީ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި މިރޭ 8:00 އަށް ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ އޭނާގެ މައްޗަށް އެ ތުހުމަތު ކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން މ. ކުނޫޒް ބަލައި ފާސް ކުރުމަށްފަހު ބަލައި ފާސްކޮށް ނިމުނުކަމުގެ ލިޔުން ހަވާލު ކޮށް އޭގެ ފަހުން އަނެއްކާވެސް އެ އަމުރު ހިފައިގެން އެތަން ބަލައި ފާސްކުރުމަށް އައުމުން ކުނޫޒް ހުޅުވައި ނުދިނުމުން ކަމަށެވެ.
އޭނާ ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭ ފަސް ގަޑިއިރެއްހާއިރު ވަންދެން ފުލުހން ކުނޫޒް ފާސްކުރުމަށްފަހު އެތަނުން މައްސަލައާ ގުޅުން ހުރި އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ބުނެ ލިޔުން ދިން ކަމަށާއި، އަދި އިތުރަށް އެ އަމުރު ހިފައިގެން ފާސްކުރަން ނާންނާނެ ކަމަށް ބުނި ކަމަށެވެ. އަދި ކުނޫޒް ތަޅުލީވެސް ފުލުހުންގެ ހާޒިރުގައި ކަމަށާއި، އެތަން ދޫކޮށް ދިޔަ އިރު އެއްވެސް ފުލުހެއް އެ ސަރަހައްދުގައި އެގަޑީގައި ނެތް ކަމަށެވެ.
ސަމީރު ވިދާޅުވީ، އެއް އަމުރެއްގެ ދަށުން ދެ ފަހަރަކު ފާސްކުރާނަމަ އެކަމެއް އެ އަމުރުގައި ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމަށެވެ.