ޖުމްހޫރީ ޕާޓީގެ މައި އޮފީހާއި އެ ޕާޓީގެ ޖަލްސާތައް ބާއްވާ މ. ކުނޫޒް ފުލުހުން ބަލައި ފާސްކުރުމުގެ ތެރޭގައި އެތަނުގައި އެއްޗެއް ޕްލާންޓުކޮށްފާނެތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފުލުހުން ވަނީ ޖުމްހޫރީ ޕާޓީ ހިޞާރުކޮށްފައި ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ކުނޫޒް ބަލައި ފާސްކުރަން ފަށާފައިވަނީ އިދިކޮޅު ފަރާތްތަކުން އިސްކޮށް ތިބެ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ހިންގުމަށް ދަތިކުރުމާއި ސަރުކާރު ވައްޓާލުމަށް ސައްލާކޮށް ރޭވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރަސްމީ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުގައި އެކަމާ ގުޅޭ ހެއްކާ ގަރީނާ ހޯދުމަށެވެ.

އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުނޫޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އެތަން ބަލައި ފާސްކުރުމަށްފަހު، ބަލައި ފާސްކުރުން ނިމުނު ކަމަށާއި ތުހުމަތު ކުރެވޭ މައްސަލައާ ގުޅުން ހުރި އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމުގެ ލިޔުން ޖުމްހޫރީ ޕާޓީއާ ހަވާލުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެއަށްފަހުވެސް ކުނޫޒް ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށާއި، އެއީ ކޯޓު އަމުރާ ޚިލާފަށް އެތަން ހިޞާރުކުރުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އިއްޔެ ފުލުހުން ބުނެފައިވަނ، ބަލާ ފާސްކުރުމަށްފަހު ދޫކޮށްފައިވާ ލިއުމަކީ، ރޭގަ ފާސްކުރި ތަކެއްޗާ ބެހޭ ގޮތުން ދެވުނު ލިއުމެއް ކަމަށެވެ. އަދި އެއީ އެއްވެސް ހާލަތެއްގައި ފާސްކޮށް ނިންމުމަށްފަހު ދެވުނު ލިޔުމެއް ނޫން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ކޯޓު އަމުރުގައި ދީފައިވާ ވަގުތު ކަމުގައިވާ 72 ގަޑިއިރު ވަންދެން ބަލާ ފާސްކުރުން ކުރިއަށް ދާނެ ކަމަށް ފުލުހުން ބުންޏެވެ.

ބަޔާނުގައި ބުނެފައިވަނީ، ކުނޫޒަށް އެއްވެސް މުވައްޒަފަކަށް އަދި ޕާޓީގެ އިސް ފަރާތަކަށްވެސް ނުވަދެވޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށާއި، އެކަމާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން އެއީ އަންގާރަ ދުވަހުގެ ރޭ ބަލައި ފާސްކުރުމަށް ލިބިފައިވާ އަމުރުގެ ދަށުން ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެތަން ބަލައި ފާސްކުރުމަށްފަހު ބަލައި ފާސްކޮށް ނިމުނު ކަމުގެ ލިޔުން ހަވާލުކޮށްފައިވާތީ ކޯޓު އަމުރުގެ ބާރު ކެނޑިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ުގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނުގައި ގާނޫނާ އެއްގޮތަށް ފުލުހުން އަމަލުކުރުމަށް ގޮވާލާފައިވެ އެވެ. ޖުމްހޫރީ ޕާޓީއަށް އެ ޕާޓީގެ އިދާރީ ހިންގުމާއި ސިޔާސީ ހަރަކާތްތައް ހިންގާ އޮފީސް ހަވާލުކުރުމަށް ފުލުހުންނަށް ވަނީ ގޮވާލާފަ އެވެ.