ކ. މާފުށީ ޖަލުގައި ގައިދީންނާއި ޖަލު އޮފިސަރުންނާ ދެމެދު ކުރިމަތިލުމެއް ހިނގައި ބައެއް މީހުން އަނިޔާވެއްޖެ އެވެ.

އެ ހަމަނުޖެހުން ހިނގައިގެން އުޅޭކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ "ސަން"އަށް ކަށަވަރުކޮށްދީފަ އެވެ. ހަމަނުޖެހުން ހިނގާފައިވަނީ ނުރައްކާތެރި ކުށްްވެރިން ބައިތިއްބާފައި ތިބޭ ޔުނިޓެއްގަ އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އެ ހަމަނުޖެހުމުގައި އަނިޔާވެގެން ޖަލު އޮފިސަރަކު މާލެ ގެނެސް އައިޖީއެމްއެޗުން ފަރުވާދީފައިވެ އެވެ. އަދި ގައިދީއެއްގެ ބޯފަޅައިގެން ގޮސް އަނިޔާވެފައިވާކަން ވެސް އެނގިފައިވެ އެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ފެށުނީ ޔުނިޓެއްގައި ހުރި ލައިޓުތައް ތަޅާލައި، ކަރަންޓު ނަގަން ގައިދީންތަކެއް މަސައްކަތް ކުރަން ފެށުމުން އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި ކަމަށް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން "ސަން"އަށް ވިދާޅުވި އެވެ.

ހަމަނުޖެހުން މިހާރު ކޮންޓްރޯލު ކުރެވިފައިވާ ކަމަށް ލުގުމާން ވިދާޅުވި އެވެ. އަދި އެ ހަމަނުޖެހުމުގައި ގައިދީއަކަށް ފަރުވާދޭންޖެހޭ ވަރަށް އަނިޔާވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.