26 Jul 2017, 21:09
އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އީބޫ) ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބޫ ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރުފަހު 3:00 އަށެވެ. އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވީ ނަމަވެސް، ހާޒިރު ކުރަނީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.
މާދަމާ ހަވީރު އިބޫ ހާޒިރު ކުރާ އިރު، މަޖިލިސް އިދާރާ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވައިލި ކަމުގެ ތުހުމަތުގައި މައްސަލައާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ފުލުހަށް ހާޒިރުވާން ވެސް ވަނީ އަންގައިފަ އެވެ.
ފުލުހުންގެ ސަފު ފޫއަޅުވާލި ކަމުގެ ތުހުމަތުގައި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑެ) އާއި ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ވެސް ހައްޔަރު ކުރި އެވެ. ވައްޑޭގެ ބަންދުގެ މުއްދަތު ޖަހާފައިވާއިރު، ސައުދު ވަނީ މިނިވަންކޮށްފަ އެވެ. ސައުދު ބަންދުން ދޫކޮށްލ ހައްޔަރު ކުރަން ނެރުނު ކޯޓު އަމުރު، ނުބައިކޮށް ނެރެވިގެން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.