20 Jul 2011, 15:53
ޕްރެމިއާ ލީގުގެ ފަށާ ސީޒަނަށް ގޯލް ލައިން ޓެކްނޮލޮޖީ ތަޢާރަފްކުރުމަކީ އަޒުމެއްކަމަށް ޕްރެމިއާ ލީގުގެ ފުޓްބޯލް އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް ރިޗާޑް ސްކަންޑަމޯ ވިދާޅުވެއްޖެ އެވެ. މި ޓެކްނޮލޮޖީގެ އަލީގައި ބޯޅަ ގޯލް ރޮނގު ހުރަސް ކުރިކަން ނުވަތަ ނޫންކަން ދަނެގަނެވޭނެ އެވެ.
އެންމެ ފަހުގެ ވޯލްޑްކަޕްގައި ޖަރުމަނާއި އިނގިރޭސިން ބައްދަލުކުރިމެޗްގައި އިނގިރޭސި މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ޖެހި ބޯޅަ ގޯލްގެ ހުރަސް ދަނޑީގައި ޖެހުމަށް ފަހު ގޯލް ލައިން ހުރަސްކޮށް ބޭރަށް ނުކުމެފައިވާކަން ވީޑިއޯ އިން ވަނީ ސާބިތުވެފަ އެވެ. ލަމްޕާޑްގެ ލަނޑުގެ މައްސަލަ ހޫނުވެ ބަހުސްތައް އަދި ވެސް ނުނިމެ އެވެ.
މި ޓެކްނޮލޮޖީ ގާއިމްކުރުމުގައި ފީފާގެ ރައީސް ސެޕް ބްލެޓާ ކުރިން ދެކޮޅު ހެދި ނަމަވެސް މިހާރު މިކަމަށް އެއްބަސްވެ ޓެކްނޮލޮޖީގެ ޓެސްޓްތައް ކުރިއަށްދާ ވާހަކަ މަހެއްހާ ދުވަސް ކުރިންވަނީ ބުނެފަ އެވެ.
"ކޮންމެ ޓީމެއްގެ އަޒުމަކަށްވާނީ ގޯލްޖަހައި މެޗުން މޮޅުވުމަށް. ކުޅުންތެރިން އެކަމަށް ވަރަށް މަސައްކަތްކުރާނެ. ކޯޗުންގެ އާއި ކުޅުންތެރިންގެ ކެރިޔަރުގެ ފޮނިކަން ފެންނާނީ މެޗްތަކުން މޮޅުވީމަ. ގޯލް ލައިން ޓެކްނޮލޮޖީ ތައާރަފްކުރުމުން ކުޅުންތެރިންނަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ. މިހާރު ފީފާ އިން ވެސް މިކަމަށް އެއްބާރުލުންދެމުންދޭ. ޕްރެމިއާ ލީގުގެ އަންނަ ސީޒަނަށް ގައިވެސް މިކަން ތަޢާރަފްކުރުމަކީ އަހަރެމެންގެ އަޒުމެއް." ސްކަންޑަމޯ ވިދާޅުވި އެވެ.
ގޯލް ލައިން ޓެކްނޮލޮޖީއާއި ދެކޮޅު ބަޔަކު އަދިވެސް އުޅޭކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ޔޫއެފާގެ ރައީސް މިޝެލް ޕްލެޓީނީ އެވެ. މިޓެކްނޮލޮޖީ ބޭނުންނުވާކަމަށް މިދިޔަ މަހު ޕްލެޓިނީވަނީ ބުނެފަ އެވެ.