26 Jul 2017, 16:45
ކާބުލް (ޖުލައި 26): އަފްގާނިސްތާނުގެ ތާލިބާނުން ކަންދަހާރު ޕްރޮވިންސުގައި ހުރި އަސްކަރީ މަރުކަޒަކަށް ހަމަލާދީ 26 ސިފައިން މަރާލައިފި ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ޑިފެންސް މިނިސްޓަރު ޖެނެރަލް ދައުލަތު ވަޒީރީ ވިދާޅުވި ގޮތުގައި އެ ހަމަލާގައި ތާލިބާނުން ވަނީ ހަތް މީހަކު ވަގަށް ނަގާފަ އެވެ. އަދި އެ މަރުކަޒުގައި ތިބި އިތުރު 21 މީހަކަށް ވީގޮތެއް އަދި ޔަގީންވެފައި ނުވާ ކަމަށް ވަޒީރީ ވިދާޅުވި އެވެ.
މީގެ އިތުރުން އެމަރުކަޒު ހިފުމަށް ތާލިބާނުން ކުރި މަސައްކަތް ވީ ނާކާމިޔާބު ކަމަށާއި އެ ހަމަލާތަކުގައި ތާލިބާނުންގެ 80 ހަނގުރާމަވެރިން މަރުވި ކަމަށް ވެސް ވަޒީރީ ވިދާޅުވި އެވެ.
ނަމަވެސް ތާލިބާނުން ބުނި ގޮތުގައި އެ ޖަމާއަތުން ވަނީ 70 ސިފައިން މަރާލައި، މަރުކަޒުން އަސްކަރީ އުޅަނދުތަކާއި ހަތިޔާރު ވަގަށް ނަގާފަ އެވެ.
މިއަހަރު ފެށުނު ފަހުން ތާލިބާނުން ވަނީ އަފްގާން އަސްކަރިއްޔާއަށް އަމާޒުކޮށް ވަރުގަދަ ހަމަލާތައް ދީފަ އެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު އެޖަމާއަތުން އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއެއްގައި 140 ސިފައިން މަރާފައިވެ އެވެ. (އަލްޖަޒީރާ)