އަންނަ އަހަރުގެ ނިޔަލަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާ 30 ރިސޯޓާ އެކު އިތުރު 18000 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި، އެ ކޮންމެ ކަމަކުން ވަޒީފާތައް އިތުރުވެގެންދާނެ ކަމަށެވެ. އަދި ވަޒީފާތައް އިތުރުވުމުން އާއިލާތަކަށް ދިރިއުޅުން ތަނަވަސްކުރެވި ދިރިއުޅުމުގެ ފެންވަރު މައްޗަށް ޖެއްސޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ކުރިން ނުދެކޭ މިންވަރަށް ތަރައްގީގެ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.

"ރާއްޖެ ކުރިން ނުދެކޭ މިންވަރަށް ތަރައްގީގެ މަސައްކަތްތައް ކުރެވިފައިވޭ. މިއިން ހަމަ ކޮންމެ ކަމަކީވެސް، ކުރަންޖެހި ނުކުރެވި، އަހަރުތަކެއް ފާއިތުވެފައިވާ މަސައްކަތްތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެއާޕޯޓު ތަރައްގީކޮށް މިހާރު ހިދުމަތް ނުދެވޭ މިޒަމާނުގެ ފެންވަރުގެ ބޯޓު ފަހަރަށް ޖާގަ ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކާއި ކަނޑުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ސަބަބުން ވިޔަފާރީގެ ދޮރުތައް އިތުރަށް ހުޅުވިގެންދާނެ އެވެ.

އޭގެ އިތުރުން އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި ހިތަދޫއާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ތަރައްގީއާ ކުރެވުމުން އާއިލާއާ ދުރުގައި ރާއްޖެއިން ބޭރުގައި ބޮޑެތި ބަލިތަކަށް ފަރުވާކުރަން ތިބެންޖެހޭ ޖެހުން ނިމުމަކަށް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މާލެ އާއި ހުޅުލެއާ ދޭތެރޭ އަޅާ ބްރިޖުގެ ސަބަބުން ދިރިއުޅުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މިސަރުކާރުގައި ގިނަ އަދަދެއްގެ ބަނދަރުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަ ކުރެއްވި އެވެ.