20 Jul 2011, 15:47
މެންޗެސްޓާ ސިޓީގެ ޓޯގޯ ފޯވާޑް އެމަނުއެލް އަޑެބަޔޯ ލޯނަށް ދޫކޮށްލާ ނަމަ ޓޮޓެންހަމް އަށް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗް ހެރީ ރެޑްނެޕް ބުނެފި އެވެ.
އާސެނަލްއިން މެން ސިޓީއަށް ބަދަލުވި އަޑެބަޔޯއަށް ސިޓީގައި މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ ސީޒަންގެ މެދުތެރޭ ލޯންގެ ދަށުން ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅި ރަނގަޅު ކުޅުމެއް ދައްކާފައިވެ އެވެ. އެހެންކަމުން ރެއާލް މެޑްރިޑަށް ދާއިމީކޮށް އަޑެބަޔޯ ގެނައުމަށް ކޯޗް މޮރީނިއޯ ވަނީ މަސައްކަތްކޮށްފަ އެވެ. އެމައްސަތް ދޫކޮށްލާފައިވާކަން އަދި މޮރީނިއޯ ހާމައެއް ނުކުރެ އެވެ.
ޗެލްސީ އިން ހޯދުމަށް އެތަކެއް މަސައްކަތްކުރަމުންދާ ލޫކާ މޮޑްރިޗް ކްލަބުގައި ބެހެއްޓުމަށް މަސައްކަތްކުރާ ޓޮޓެންހަމްގެ ކޯޗް ރެޑްނެޕް އިތުރު އާކުޅުންތެރިންތަކެއް ހޯދުމަށް މަސައްކަތްކުރަމުންދެ އެވެ. އެގޮތުން ރެޑްނެޕް ހޯދުމަށް މަސައްކަތްކުރާ ކުޅުންތެރިޔާ އަޑެބަޔޯގެ ނަން ޗެއާމަން ޑެނިއަލް ލެވޯއަށް ދީފައިވާ ކަމަށް ރެޑްނެޕް ބުނެ އެވެ.
"އަޑެބަޔޯގެ ނަން ޗެއާމަން އަށް ދީފިން. އަހަރެމެން އެބަ ބަލަން އާކުޅުންތެރިންތަކެއް ގެނެވޭތޯ. މެންޗެސްޓާ ސިޓީ އިން އަޑެބަޔޯ ލޯނަށް ދޫކުރާ ނަމަ އޭނާ ގެނައުމަށް މަސައްކަތްކުރާނަން. އޭނާއަކީ މޮޅު ކުޅުންތެރިއެއް. މިކަމާ މެދު ވާގޮތެއް ވެސް ބަލާލާނަން." ކޯޗް ރެޑްނެޕް ބުންޏެވެ.
އާކުޅުންތެރިންތަކެއް ގެނައުމަށް މަސައްކަތްކުރާކަމަށް ޓޮޓެންހަމްގެ ކޯޗް ރެޑްނެޕް ހާމަކުރިނަމަވެސް އަދި އެކްލަބަށް ނަން ވިދާލެވޭވަރުގެ އެއްވެސް ކުޅުންތެރިއެއް ގެނެވިފައެއް ނުވެ އެވެ.