އެހެންގައުމުތަކުގެ ނުފޫޒުތަކަށް ނޫނެކޭ ބުނަން ކުރާ މަސައްކަތައް މިހާރު ނުރައްކާ ކުރިމަތިވަނީ ދިވެހިންގެ ފަރާތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން ޤައުމާ މުހާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "ބޭރުގެ އިސްތިޢުމާރީ ބާރުތަކުގެ ނުފޫޒުތަކަށް ނޫނެކޭ ބުނުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތި ކުރުވަނީ މިއަދު ދިވެހިންގެ ފަރާތުން" ކަމަށެވެ.

އެތެރެއިންނާއި ބޭރުން، އަދި ދުރާއި ގާތުން ކެނޑިނޭޅި ކުރިމަތިކުރުވާ ގޮންޖެހުންތަކާއެކުވެސް، އެމަނިކުފާނު ދެމިހުރީ، ގައުމާމެދު އުންމީދުތަކެއްވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާން މިހާރު ކުރައްވަމުން ގެންދަވާ "ހަނގުރާމައިގެ" ގޮތުގައި ސިފަކޮށްފައިވަނީ އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ކުރާ މަސައްކަތް ތަކާއި ދެކޮޅަށް ކުރާ ހަނގުރާމައާއި ދިވެހި ޒުވާނުން އިސްލާމްދީން ދޫކޮށްދިޔުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ހަނގުރާމަ އާއި ޓެރަރިޒަމާއި ހައްދުފަހަނަޅައި ދިޔުމާ ދެކޮޅަށް ކުރާ ހަނގުރާމައެވެ.

ހަމައެހެންމެ ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން ޔަޤީންކުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކޮށް ދައުލަތުގެ ދަރަނި އަދާކޮށް ދިވެހިންގެ އަތުން ބީވުމުގެ ބިރުހީވެފައިވާ، ވަޒީފާގެ ބާޒާރު ފަހިކޮށް، ދިވެހި ޒުވާނުންގެ ކުރިމަގު އުޖާލާކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ފެންނަމުންދަނީ އަމިއްލަ ފައިދާއަށްޓަކައި ރައްޔިތުންގެ ނަން ބޭނުންކޮށްގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ކަންކަން ހިންގުމަށް ފާޅުގައި ބޭރު ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމްއިއްޔާ ޖަމާއަތްތަކަށް ގޮވާލައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދެމުންގެންދާ ތަން ކަމަށެވެ.

ރާއްޖެއަކީ ޒަމާނުންސުރެ އަމާން ގައުމެއްނަމަވެސް މިއަދު މިއޮތީ އެދުވަސް ގެއްލެންފަށާފައިކަން ހިތާމަޔާއެކު ގަބޫލް ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމަޖެހުމާއި އަމާންކަމުގެ ޒަމާން އަތުނުޖެހޭހާ ހަމަޔަށް ދިޔުމުގެ އިންޒާރުގެ ރަނގަބީލު ޖަހަން ފަށައިފިކަންވެސް ޤަބޫލުކުރަންޖެހޭ. ޒަމާނުއްސުރެ ހިނގަން ލިބިފައިވާ ފައިތިލަވަޅެއް ނެތް، އޮމާން ހުދު ފަސްގަނޑުގެ ރާސްތާ، ޙަސަދައިގެ ކަނިތަކުންނާއި އަނިޔާވެރިކަމާއެކު ޤަތުލުކުރެވި، ބިމަށް އޮހޮރުވޭ ދިވެހިންގެ ލެއިން ފޯވެފައިވާކަން ޤަބޫލުކުރަންޖެހޭ." ރައީސް ވިދާޅުވިއެވެ.

ގޭގޭގެ ފެންޑާތަކާއި ރަށްރަށުގެ ހޮޅުއަށިތަކުން މިއަދު އިވެމުންދަނީ ކުދިންގެ ހެނުމާއި ދުވަސްވީ މީހުންގެ އުފާވެރި ވާހަކަތަކުގެ ބަދަލުގައި، ފުރައްސާރައާއި ހަނގާކުރުމާއި ރުޅިވެރިކަމުގެ ބަސްތައްކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގެ އެތައް ރަށެއްގެ ހަމަޖެހުމާއި ތަރައްޤީއަށް އަދި ރައްޔިތުންގެ މުސްތަޤްބަލަށް ހަމަޖެހުން ގެނެސްދޭނޭ ފުރުސަތުތައް ގެއްލުވައިލާފައިވަނީ ފާޅުގައި. ޖެހިލުންވުމުގެ އެއްވެސް އަސަރެއްނެތި ސިޔާސީ ބޭނުންތަކަށް." ރައީސް ވިދާޅުވިއެވެ.