ވަކި ހާލަތްތަކެއްގައި ސަރުކާރަށް ބިން އަނބުރާ ނެގޭ ގޮތަށް ކައުންސިލްތަކަށް ބިން މިލްކު ކުރެވޭ ގޮަތަށް 'ބިން ހިންގައި ބެލެހެއްޓުމާއި ބިން މިލްކު ކުރުމުގެ ގަވާއިދު' ހަދައި އަމަލު ކުރަން ފަށައިފި އެވެ.

އިއްޔެ އަމަލު ކުރަން ފެށި އެ ގަވާއިދުގައިވާ ގޮތުން، އިގްތިޞާދީ ނުވަތަ އިޖްތިމާއީ ކަންކަން ކުރުމަށް ކައުންސިލްތަކަށް މިނިސްޓްރީން ބިލް މިލްކުކޮށްދެވޭނެ އެވެ.

އެގޮތުން ރައްޔިތުންނަން ހިދުމަތް ދިނުމަށް ކައުންސިލުން ރާވައި ހިންގާ އަދި ކައުންސިލްތައް މެދުވެރިވެގެން ނުވަތަ ބައިވެރިވެގެން ރައްޔިތުންނަށް ހިދުމަތްދިނުމަށް ސަރުކާރުން ރާވައި ހިންގާ އިޖުތިމާއީ މަޝްރޫއުތައް ހިމެނެ އެވެ.

ގަވާއިދުގައިވާ ގޮތުން ކައުންސިލަށް ބިން މިލްކުކޮށްދޭނީ ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމަށްފަހު ލޭންޑް ޔޫސް ޕްލޭނާއި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިިންނެވެ.

އެގޮތުގެ މަތިން ކައުންސިލަށް ބިމެއް ދިނުމުން އެ ކައުންސިލެއްގެ ނަމުގައި އެ ބިމެއް ހައުސިން މިނިސްޓްރީން ރެޖިސްޓްރީ ކޮށްދޭންޖެހޭނެ އެވެ.

ކައުންސިލަށް ބިން މިލްކުކޮށްދިން ނަމަވެސް ފަސް ހާލަތެއް މެދުވެރިވެއްޖެ ނަމަަ އެ ބިމެއް އަނބުރާ ނެގޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެގޮތުން އެއްބަސްވުމުގައިވާ ޝަރުތުތަކާ ކައުންސިލުން ޚިލާފުވުމުންނާއި، ކައުންސިލުން ބިން ބޭނުން ކުރުމުގައި ލޭންޑް ޔޫސް ޕްލޭނާ ޚިލާފުވުމުން އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ބިން ބޭނުން ކުރުމުން އެ ބިމެއް ދައުލަތަށް ނެގޭނެ އެވެ.

އޭގެ އިތުރުން އިގްތިޞާދީ، އިޖުތިމާއީ ބޭނުމަކަށް ނުވަތަ ގައުމީ ސަލާމަތުގެ ބޭނުމަކަށް އެ ބިމެއް އަނބުރާ ނެގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.

ކައުންސިލްތަކުގެ ބިން މިލްކު ކުރުމުގެ ގަވާއިދުގައިވާ ގޮތުން ކައުންސިލުން ތިންވަނަ ފަރާތަކަށް ބިމެއް ދޫކުރެވިދާނެ އެވެ. އެހެން ނަމަވެސް ތިންވަނަ ފަރާތަކަށް އެބިމެއް ދޫކުރެވޭނީ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބުމުންނެވެ.

ގަވާއިދުގައިވާ ގޮތުން ބިމެއް ދައުލަތަށް ނަގާއިރު، އެ ބިމަކަށް އިންވެސްޓްކޮށްފައިވާނަމަ ގާނޫނު އަސާސީއާއި ގާނޫނުތަކުގައިވާގޮތުގެ މަތިން އަދުލުވެރި ބަދަލެއް ދޭންޖެހޭނެ އެވެ.

އެ ގަވާއިދަށް އަމަލު ކުރަން ފެށުމުން ކުރިން އަމަލު ކުރަމުން އައި ގަވާއިދު ވަނީ އުވާލާފަ އެވެ. ކުރިން އަމަލު ކުރަމުން އައި ގަވާއިދުގައި ކައުންސިލްތަކަށް ބިން މިލްކުކޮށްދެވޭ ގޮތަކަށް ނޯވެ އެވެ.