14:30


އުތުރު ތުރުކީގެ ޕްރޮވިންސެއް ކަމަށްވާ ޒޮންގަލްޑަކް ޕްރޮވިންސްގެ ކޯލް މައިނެއް ގޮވައި އެމައިން ތެރޭގައި ތިބި 30 މީހުން މައިން ތެރޭ ތާށިވެއްޖެ އެވެ.


މިކަމާ ގުޅިގެން ތުރުކީގެ ލޭބާ މިނިސްޓަރު އުމަރު ޑިންސާ ވިދާޅުވެފައިވަނީ އެމައިން ގޮވާފައިވަނީ މައިންތެރޭގައިވާ މީތޭން ގޭހުގެ އަސަރު ބޮޑުވުމުން ކަމަށެވެ. އަދި އެމައިންގައި މަސައްކަތްކުރާ 30 މީހުން ތާށިވެފައިވަނީ ބިމުއަޑީގައި ގާތްގަނޑަކަށް 500 މީޓަރު ފުނުގައި ކަމަށާއި އެމީހުން ސަލާމަތްކުރުމަށްޓަކައި ތަފާތު ދެ ރެސްކިއު ޓީމެއް ބޭނުންކޮށްގެން ހުއްޓުމެއް ނެތި މަސައްކަތްކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އެސަރަހައްދުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފައިވަނީ ބިންގަރާހުގެ ފާރުތައް ވެއްޓިފައިވުމާއި މައިންތެރޭ އަދިވެސް މީތޭން ގޭހުގެ އަސަރު ހުރުމުގެ ސަބަބުން ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އިތުރު ގެއްލުމެއް ނުލިބި އެ 30 މީހުން ސަލާމަތުން އެނބުރި އައުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ވެސް އޭނާ ބުނެ އެވެ.


ތުރުކީގައި މިދިޔަ ފެބްރުއަރީމަހު ވެސް ކޯލް މައިނެއް ގޮވުމުގެ ނުރައްކާތެރި ހާދިސާއެއް ވަނީ ހިނގާފަ އެވެ. އެހާދިސާގައި މައިންތެރޭ މަސައްކަތްކުރަމުންދިޔަ 13 މީހަކު ވަނީ މަރުވެފަ އެވެ.