25 Jul 2017, 21:20
ޖުމްހޫރީ ޕާޓީގެ މައި އޮފީހާއި އެ ޕާޓީގެ ޖަލްސާތައް ބާއްވާ މ. ކުނޫޒަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަންއަށް ވިދާޅުވީ، "ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް މ. ކުނޫޒު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި" ކަމަށެވެ.
ކުނޫޒަށް ފުލުހުން ވަދެފައި ވަނީ، ކޮން މައްސަލައަކާ ގުޅިގެންކަން ފުލުހުން ހާމައެއް ނުކުރެއެވެ. އެތަނަކީ ސަރުކާރާ އިދިކޮޅުފަރާތްތަކުން ސިލްސިލާ ޖަލްސާތަކާއި ނޫސްކޮންފަރެންސްތައް ބާއްވާ ތަނެވެ.
"މިވަގުތު ދެވެން ހުރި މައުލޫމާތަކީ އެއީ، އިތުރު ތަފްސީލް ހާމަކުރެވޭކަށް ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އަރީފް ސޮއިކުރައްވައި ނެރެދެއްވާފައިވާ ކޯޓު އަމުރުގައި ވާގޮތުން، ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ސިއްރު މައުލޫމާތަކާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. ކުނޫޒަށް ފުލުހުން ވަދެފައި ވަނީ، އެތަނުގައި ޖުމްހޫރީ ޕާޓީއާއި، އެމްޑީޕީއާއި އަދާލަތު ޕާޓީއާއި އަދި މިނޫންވެސް ބައެއް ފަރާތްތައް އިސްކޮށްތިބެ، ދިވެހިރާއްޖޭގައި ގާނޫނީގޮތުން އިފެދިފައިވާ ސަރުކާރު ހިންގުމަށް ދަތިކުރުމާއި ސަރުކާރު ވައްޓާލުމަށް ސައްލާކޮށް ރާވައި، އަދި ރައްޔިތުންގެ މަޖިލީހުން ކުރާންޖެހޭ ރަސްމީ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތްކުރަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ.