ޑީއާރުޕީ/ޕީއޭގެ ކޯލިޝަން ރޫޅައިލުމާއެކު މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ބަހަން ޕާޓީތަކުގެ ލީޑަރުން އެއްބަސްވި ގޮތަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކޮމެޓީތަކަށް މެންބަރުން ބަހަން އިއްޔެ ހަވީރު ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެއްބަސްވެ ސޮއިކުރެއްވި ގޮތަށް މަޖިލީހުން މިއަދު ފާސްވީ ޖަލްސާއަށް ހާޒިރުވި 71 މެންބަރުންގެ ތެރެއިން 62 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓް ދެއްވީ ތިން މެންބަރުންނެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވާ ތިން މެންބަރަކު ވެސް ތިއްބެވި އެވެ.

އެއްބަސްވެފައިވާ ގޮތަށް ކޮމެޓީތައް އަލުން އެކުލަވައިލުމަށް މިއަދު ފާސްވުމާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ކޮމެޓީތަކަށް މެންބަރުން ބެހުމުގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީއަކުން ކޮމެޓީތަކަށް އައްޔަން ކުރައްވާ މެންބަރުންގެ ނަންތައް މިއަދު މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވުމަށެވެ. ކޮމެޓީތަކުގެ މަސައްކަތް މާދަމާ ފައްޓަވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މަޖިލީހުގެ ދާއިމީ 13 ކޮމިޓީ އަލުން އެކުލަވައިލި އިރު މާލިއްޔަތު ކޮމިޓީގެ އަޣުލަބިއްޔަތު އޮތީ ކުރިން އޮތް ގޮތަށް ގޮތަށް އިދިކޮޅު ފަރާތްތަކަށެވެ އިގްތިސާދީ ކޮމިޓީ އާއި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ އަޣުލަބިއްޔަތު އެމްޑީޕީއަށެވެ. ކުރިން އެމްޑީޕީ އަށް އަޣުލަބިއްޔަތު އޮތް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ )241 ކޮމިޓީ(ގެ އަޣުލަބިއްޔަތު މިހާރު ވަނީ އިދިކޮޅު ފަރާތްތަކަށް އެނބުރިފަ އެވެ.