20 Jul 2011, 14:03
ސައިފަތާއި ރަބަރު އުފައްދާ ލަންކާގެ ކުންފުންޏެއް ކަމައްވާ މަލްވަޓޭ މެލީ ޕްލާންޓޭޝަން އިން ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރުމަށް 26 މިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.
ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ ލަންކާ ބިޒްނަޒް އޮންލައިންގައި ބުނެފައި ވަނީ މަލްވަޓޭ އިން ރާއްޖޭގައި ތަރައްގީ ކުރަނީ މަތީ ފެންވަރުގެ 70 ކޮޓަރީގެ ރިސޯޓެއް ކަމަށެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަސައްކަތް ފެށުމަށް ނިންމާފައިވާ އެ ރިސޯޓު ތަރައްގީ ކުރުމަށް ހަރަދުކުރާ 26 މިލިއަން ޑޮލަރުގެ ތެރެއިން 5.8 މިލިއަން ޑޮލަރު ހޯދަނީ މިހާރު ތިބި ހިއްސާދާރުންގެ އިތުރުން އެ ކުންފުނީގެ ހިއްސާ ވިއްކައިގެން ކަމަށް ބުނެފައިވެ އެވެ.
މަސައްކަތް ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރެވޭ މަލްވެޓާ އިން ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރަނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މަލްވެޓާ ހޮޓެލްސް އެންޑް ރިސޯޓްސް އާ ގުޅިގެންނެވެ.
އެ ރިސޯޓު އޮޕަރޭޓްކުރާނީ މިހާރު ވެސް ރާއްޖޭގައި ރިސޯޓް އޮޕަރޭޓް ކުރާ ހިލްޓަން އިންނެވެ. މަލްވެޓާ އާއި ހިލްޓަން އާއި ދެމެދު މިހާރު ވަނީ އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފަ އެވެ.
ލަންކާ ކުންފުންޏަކުން ރާއްޖޭގައި ރިސޯޓެއް ތަރައްގީ މި ކުރަނީ ލަންކާގެ ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެ، ޓޫރިޒަމްގެ ދާއިރާ އިން ރާއްޖެ އާއި އެ ގައުމާ ދެމެދު އޮތް ވާދަވެރިކަން އިތުރުވެފައިވާ ދުވަސްވަރެއްގަ އެވެ.