އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ބޭއްވި މުޒާހަރާގައި 17 މީހަކަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފި އެވެ.

އެޗްއާރްސީއެމުން އެހެން ބުނެފައިވަނީ އިއްޔެ މުޒާހަރާ މޮނީޓާ ކުރުމަށްފަހު، އެ ކޮމިޝަނުން މިއަދު އާންމު ކުރި ރިޕޯޓުގައެވެ.

އެރިޕޯޓުގައި ވާގޮތުން، މ. ކޫނޫޒް، އަދި އެމްޑީޕީ އޮފީސް ހުންނަ ސަރަހައްދަށް އެއްވި މީހުން ރޫޅާލުމަށްޓަކައި ޕެޕާ ސްޕްރޭ ބޭނުންކުރުމުގެ ސަބަބުން އޭގެ އަސަރުކޮށްގެން އޭޑީކޭގައި ގިނަބަޔަކަށް ވަނީ ފަރުވާ ދީފައެވެ. އެގޮތުން ޕެޕާ ސްޕްރޭގެ ސަބަބުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲގެ ދޫ ދުޅަވެގެން އޭނާއަށް ފަރުވާދިން ކަަމަށް އޭޑީކޭއާ ހަވާލާދީ އެރިޕޯޓުގައި ބުންޏެވެ.

މުޒާހަރާގެ ސަބަބުން އަނިޔާވި އިތުރު ބޭފުޅުންގެ ތެރޭގައި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހިމެނެއެވެ.

މުޒާހަރާއަށް އެއްވި މީހުން އެމީހުން އެއްވި ސަރަހައްދުގައި ތިބުމުގެ ފުރުސަތު ދީފައި ނުވާކަންވެސް އެރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މުޒާހަރާގައި ބައިވެރިވި މީހުންވަނީ ފަހުން ފުލުހުންގެ އެންގުންތަކާ އެއްގޮތަށް އެސަރަހައްދު ދޫކޮށް ގޮސްފައެވެ.

ހިއުމަން ރައިޓްސް އިން ނެރެފައިވާ އެރިޕޯޓް ކަވަރު ކޮށްފައިވަނީ އިއްޔެ މެންދުރު އެއްގަޑި ފަނަރައިން ފެށިގެން ރޭގަނޑު ބާރައާ ހަމައަށެވެ.