25 Jul 2017, 20:48
ގދ. މަޑަވެއްޔަށް ވަރަށް ބޮޑަށް އުދަ އަރަމުން އެބަދެއެވެ.
މަޑަވެލީ ކައުންސިލްގެ ނާއިބު ރައީސް އަޒަމް މުހަންމަދު "ސަން" ވިދާޅުވީ، އެރަށަށް މިއަދު އެންމެ ފުރަތަމަ އަރަންފެށީ 12:40 ކަން ހާއިރުކަމަށާއި އަދި އޭގެ ފަހުން ދޭތެރެ ދޭތެރެއިން އުދަ އަރަމުންދާ ކަމަށެވެ.
އަޒަމް ވިދާޅުވީ އެރަށުގެ އިރުމަތީ ސަރަހައްދު ފިޔަވައި ހުރިހާ ދިމާއަކުން ދަނީ އުދަ އަރަމުންނެވެ. އެގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ދެކުން ފަރާތުން 200 ފޫޓަށްވުރެ ބޮޑަށް ރަށުތެރެއަށް އުދަ އެރިކަމަށް އަޒަމް ވިދާޅުވިއެވެ.
މިދުވަސް ވަރު ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުމުގެ މައްސަލައާ ކުރިމަތިވެފައިވާ އިރު، މީގެ ދެދުވަސް ކުރީން ފެށިގެން މަޑަވެއްޔަށް ދަނީ އުދައަރަމުންނެވެ.
މަޑަވެއްޔަށް އުދައެރުމުގެ ސަބަބުން ރަށުގެ ބައެއް ގޭގޭ ގޯތިތެރޭގައި ހުރި ގަސްތަކަށް ތަކަށް ގެއްލުން ލިބިފައިވާ ކަމަށް އަޒަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާރަކަށް އައިސް މަޑަވެއްޔަށް އުދަ އެރުމުގެ މައްސަލަ ކުރިމަތިލާން ޖެހިފައިވަނީ، އެރަށާ ހޯޑެއްދޫއާ ދެމެދު ކޯޒްވޭއެއް އަޅަން ފެށުމުން، އެ ސަރަހައްދުގައި ރަނގަޅަށް އޮއި ނުދެމޭތީ ކަމަށެވެ.
މަޑަވެއްޔަށް އުދައިގެ އަސަރުކުރަމުން ދާތީ އެމްޓީސީސީއާ ގުޅިގެން، އެރަށަށް އުދައަރާ ސަރަހައްދުތަކަށް ވެލިއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.