20 Jul 2011, 13:55
ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އުތުރު ތިން އަތޮޅު، ހއ، ހދ، އަދި ށ. އަތޮޅުން މެންބަރަކު ހޮވުމުގެ ވޯޓްގައި މިއަދު ވެސް މައްސަލަ ބޮޑުވެ އަލުން ވޯޓުލާން ނިންމައިފި އެވެ. ދެން މިއަދު ވޯޓްލާނީ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.
ށ. އަތޮޅު ކައުންސިލްގައި މިއަދު ހެނދުނު ބޭއްވި ވޯޓް ލުން ފެށިގެން ކުރިއަށް ދަނިކޮށް، މައްސަލަ ޖެހުނީ މެމްބަރުން އިންތިހާބުކުރުމާ ބެހޭ އުސޫލަށް އެލްޖީއޭއިން ބަދަލު ގެނެސްފައިވާ ކަމަށް ބުނެ އުފުލުނު ޝަކުވާތަކާ އެކު އެވެ.
ކައުންސިލްތަކުގެ މަސައްކަތް ވިލަރެސް ކުރުމަށްޓަކައި އުފައްދާފައިވާ އެލްޖީއޭ އަށް އުތުރުގެ ތިން އަތޮޅުން މެންބަރަކު ހޮވުމުގެ އިންތިޙާބްގައި މިއަދު ބޭއްވި ވޯޓްލުމުގައި އެ ތިން އަތޮޅުގެ އަތޮޅު ކައުންސިލުން 28 މެންބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މިއަދުގެ ވޯޓުގައި މައްސަލަތައް ދިމާވި އިރު ވޯޓް އޮތީ އެއްވަރު ވެފަ އެވެ. ކުރިން ވޯޓް ލުން ބޭއްވި ދެ ފަހަރުވެސް ވަނީ މައްސަލަ އުފެދި، ވޯޓް ވެސް އެއްވަރުވެފަ އެވެ.
ފުނަދޫ ކައުންސިލްގެ ރައީސް މޫސާ ފަތުހީ އާދަމް މިއަދު ވިދާޅުވީ ވޯޓްލުން ފެށީ ހެނދުނު 10 ޖެހިއިރު ކަމަށާއި ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އުސޫލުގެ މާއްދާއެއް އުވާލާފައިވާ ކަމަށް ބުނެ އެލްޖީއޭއިން ސިޓީއެއް ފޮނުވި ކަމަށެވެ. އަދި ކުރިން އިންތިހާބު ބޭއްވި ފަހަރު ވޯޓް ކަރުދާސް ކޮޅުގައި ޖަހާފައިވާ ފާހަގައިގެ ޝަކުވާއެއް ހުށަހަޅާފައި ވަނިކޮށް، އެކަމަށް ޖަވާބެއް ނުދީ މިއަދު ވޯޓު ނެގުން ބޭއްވުމަކީ އަދުލުވެރި ގޮތެއް ކަމަށް ޤަބޫލް ނުކުރައްވޭ ކަމަށެވެ.
" ވޯޓްލުން ފެށިގެން ކުރިއަށް ދަނިކޮށް، އުސޫލްގެ 14 ވަނަ މާއްދާ އުނިކުރީ، އެމާއްދާގައި ބުނެފައިވަނީ އިންތިހާބް ބޭއްވުމުގެ ކުރިން އެއުސޫލް ސަރުކާރުގެ ގެޒެޓްގައި ސާއިއުކުރަން ޖެހޭނެ ކަމަށް، އުސޫލެއް އަދިވެސް ލޯކަލް ގަވަމަންޓް އޮތޯރިޓީން ނުގެންގުޅޭ، ހައްތާވެސް ސަރުކާރަށް ނިސްބަތްވާ މީހަކަށް ފައިދާއެއްވާނެ ގޮތެއް ބަލަނީ، މިއީ އެއްވެސް އިންސާފަކުން ކުރާ ކަމެއް ނޫން،" ފަތުހީ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެލްޖީއޭގެ ބަހެއް ހޯދަން ގުޅުމުން އެ އޮތޯރިޓީގެ އިސް ބޭފުޅަކު ވިދާޅުވީ ރަށުން ބޭރުގެ ބައްދަލުވުމެއްގައި އަވަދި ނެތި އުޅުއްވާތީ އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.
ލޯކަލް ގަވާންމެންޓް އޮތޯރިޓީގައި އަތޮޅު ކައުންސިލްތަކުން ހިމެނިވަޑައ ގެންނަވަންޖެހޭ ހަތަރު މެންބަރުން ހޮވުމަށް ރާއްޖޭގެ 18 އަތޮޅު ވަނީ ހަތަރު ބަޔަކަށް ބަހާލައިފަ އެވެ. އުތުރުގެ ތިން އަތޮޅުން އެލްޖީއޭއަށް މެންބަރަކު ހޮވަން ފުނަދޫގައި މިއަދު ބާއްވާ އިންތިހާބްގައި ވާދަކުރައްވަނީ ށ. އަތޮޅު ކައުންސިލްގެ ޑީއާރުޕީ ތަމްސީލް ކުރައްވާ މެންބަރަކާއި އެމްޑީޕީ ތަމްސީލު ކުރައްވާ މެންބަރަކެވެ.
އެލްޖީއޭގައި މިހާރު ހިމެނިވަޑައިގެންނަވާ މެންބަރުންނަކީ ހޯމް މިނިސްޓަރު ހަސަން އަފީފާއި މާލެ ސިޓީ ކައުންސިލުން އަލިމަނިކު )މައިޒާން އަލިބެ( އާއި އައްޑޫ ސިޓީ ކައުންސިލުން އަހުމަދު މިރުޒާދެވެ.