ފަށާ ތައުލީމާއި ސާނަވީ ތައުލީމުގެ މަރުހަލާގައި ކީރިތި ގުރުއާނަކީ މަޖުބޫރު މާއްދާއެއް ކަމަށް ގައުމީ މަންހަޖުގައި ކަނޑައެޅިފައި އޮންނަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަ ކަމަށް ކަނޑައަޅައި ދިނުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކަނޑައެޅުމަށް މިއަދު މަޖިލީހަށް ގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އެވެ. މަޖިލީހަށް ގަރާރު ހުށަހަޅުއްވަމުން ޑރ. އަފްރާޝީމް ވިދާޅުވީ ގައުމީ މަންހަޖުގައި ކީރިތި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮންނަންޖެހެނީ ކީރިތި ގުރުއާނަށް ދިވެހި ދަރިން އަހުލުވެރިކޮށް، އެ އިލްމު މުޖުތަމައުއަށް ފެތުރުމަށް ކަމަށެވެ. އަދި ގުރުއާން ކިޔެވުމުގައި ތަޖުވީދުގެ ހަމަތަކުގެ ފަންނަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރި ކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހި މުސްލިން ހުރިހާ ދަރިން ކީރިތި ގުރުއާންއަށް އަހުލުވެރި ކުރުވައި، އެ ގުރުއާންގެ އިލްމު މުޖުތަމައުގައި ފަތުރައި، އެ ގުރުއާންގެ ފަންނަށް ޅަކުދިން ހާނުވައި، ތަރުބިއްޔަތު ކުރުމަކީ އޭގެ ނިހާޔަތަށް މުހިއްމު ކަމެއް.. އެހެން ކަމުން ގައުމީ މަންހަޖުގައި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކަނޑައެޅިފައި އޮންނަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަ ކަމަށް ކަނޑައަޅާ ދިނުމަށް އެދި، ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ )ހ( އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 މާއްދާ އާއި އެ ގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަން،" އަފްރާޝީމް ވިދާޅުވި އެވެ.

އެ ގަރާރަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި އިދިކޮޅު މެންބަރުންނާއި ސަރުކާރު ހިންގާ އެމްޑީޕީގެ ގިނަ މެންބަރުން އެ ގަރާރަށް ތާއީދުކޮށް ވާހަކަފުޅު ދެއްކެވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަހުމަދު ސަމީރު މިއަދު ވިދާޅުވީ ގުރުއާން މަޖުބޫރު މާއްދާއަކަށް ވެގެން ހިނގެއްޖެނަމަ ރާއްޖޭގެ ކުދިބޮޑު އެންމެންނަށް ވަރަށް ބޮޑަށް ފައިދާ ވެގެންދާނެ ކަމަށެވެ. އަދި ދިވެހިންގެ ދިރިއުޅުމުގައި ގުރުއާން ކިޔެވުމުގެ ރިވެތި އާދަތަށް ކުޑަކުދިންގެ ހިތްތަކުގައި މިހާރު ވެސް އަށަގެންފައިވާ ކަމަށާއި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ވެސް ގުރުއާން ކިޔެވުން މަޖުބޫރު ކުރުވުމަކީ ރަގަނޅު ކަމެއް ކަމަށް ސަމީރު ވިދާޅުވި އެވެ.

"ހާއްސަކޮށް މައުރިބު ނަމާދަށް ފަހު ރާއްޖެ ތެރޭގައި ވެސް މާލޭގައި ވެސް އަދި ސްކޫލްތަކުގައި ވެސް ގުރުއާން ކިޔަވަމުންދާ ދިއުމަކީ މި ގަރާރު އޮތަސް ނެތަސް، އެކަންތައްތަކީ ވަކިކުރެވިގެންދާނެ ކަމެއް ނޫން،" ސަމީރު ވިދާޅުވި އެވެ.