ސުޕްރީމް ކޯޓު ކައިރީގައި ޒުވާނެއްގެ ބުރަކަށްޓަށް ވަޅި ހަރައިފި ޒަހަމްކޮށްލައިފި އެވެ.

ޒުވާނާގެ ބުރަކަށްޓަށް ވަޅި ހަރައި ޒަހަމްވެފައިވަނިކޮށް، ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ވަޅީގެ ހަމަލާގައި ޒަހަމްވި ޒުވާނާގެ ބުރަކަށިން ލޭ ފައިބަމުންދިތަނުގައި އަތް އަޅައިގެން އޭނާ ހިނގާފައިދާތަން ފެނެ އެވެ. އަދި ދެ ފުލުހަކު އޭނާ ގޮވައިގެން ހިނގާފައިދާތަން ވެސް ފޮޓޯތަކުން ފެނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސުޕްރީމް ކޯޓު ކައިރީގައި އެ މާރާމާރީ ހިންގާފައި ވަނީ މިއަދު މެންދުރުފަހު 1:45 އެހާކަންހާއިރު ކަމަށެވެ. ޒަހަމްވި ޒުވާނާ ފުލުހުންގެ ބެލުމުގެ ދަށުން، އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ.

ސުޕްރީމް ކޯޓު ކައިރީގައި ޒުވާނެއްގެ ބުރަކަށްޓަށް ވަޅި ހަރާފައިވާއިރު، ފުލުހުން މިއަދު ގެންދިޔައީ އެ ސަރަހައްދުގައި ފޯރިމަރަމުންނެވެ. މިއަދު ހެނދުނުން ފެށިގެން އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށް، ފުލުހުން އަމަން ބަލަހައްޓަމުން ދަނީ ސިޔާސީ ބައެއް ފަރާތްތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން ހިންގާ ޝަރީއަތްތަކާ ގުޅިގެންނެވެ. އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޝަރީއަތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގެ ބަންދާމެދު ގޮތެއް ނިންމުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވެ އެވެ.

ސުޕްރީމް ކޯޓު ކައިރީގައި ޒުވާނެއްގެ ގަޔަށް ވަޅިހެރި މައްސަލާގައި މީހަކު އަދި ހައްޔަރުކޮށްފައިނުވާއިރު، އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ތަނެކެވެ.