ިރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމީ އިހުތިފާލުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި އެވެ.

ނަވާޒް ޝަރީފުގެ ދެކަނބަލުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސަރުކާރުގެ އިސްވެރިން ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވައިފަ އެވެ.

އެއާޕޯޓުން ނަވާޒް ޝަރީފަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމާއި މެޑަމް ފާތިމަތު އިބްރާހިމް އެވެ. އަދި އަރިހުގައި ދައުލަތުގެ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައި، ދެގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމާ ބެހޭ އެއްބަސްވުންތަކުގައި ސޮއި ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ޓަކައި ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ވާހަކަ ދެކެވުނެވެ. ނަމަވެސް އެ ދެ އަހަރު ވެސް ބޮޑުވަޒީރަށް ރާއްޖެއަށް ވަޑައިގެންނެވޭ ގޮތް ވަނީ ނުވެފަ އެވެ.

ދިވެހި ރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966ގަ އެވެ.