ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާއާ ގުޅިގެން މިރޭ 8:00 ގެ ކުރިން ގާނޫނީ ވަކީލުން ހަމަޖެއްސުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދީފިއެވެ.

މިއަދު 11:00 ގައި ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުރިން އެ މައްސަލައިގެ ޝަރީއަތް ގޮސްފައިވާ ހިސާބުން ކަމަށެވެ.

ގާޒީ ވިދާޅުވީ މިރޭ 8:00 ގައި ވަކީލުންނާ އެކު ހާޒިރު ނުވެއްޖެ ނަމަ ވަކީލުންނާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ބާރު ޝަރީއަތަށް ލިބިގެންވާ ކަމަށެވެ.

ކުރިން އެ މައްސަލަ ބައްލަވަމުން ގެންދިޔައީ، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުމަކަށް ދައުލަތުގެ ވަކީލުން ހާޒިރު ނުވުމުން ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ.

އަލުން ދައުވާއުފުލާފައިވާއިރު، ކުރިން ކުރި ދައުވާތަކަށް އެއްވެސް ބަދަލެއް ނުގެނެއެވެ.

މިއަދުގެ އަޑުއެހުމުގައި ގާސިމް ވަނީ ވަކީލުން އައްޔަން ކުރުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ގާޒީ އެ ފުރުސަތު ދެއްވާފައެއް ނުވެ އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، އެ މައްސަލައަކީ ކުރިންވެސް ކުރިއަށް ގެންގޮސްފައިވާ މައްސަލައަކަށްވުމާއި، އެ މައްސަލާގައި ކުރިންވެސް ގިނަ ވަކީލުން ތަކެއް އައްޔަން ކޮށްފައިވާތީ ކަމަށެވެ.

ގާސިމްގެ ބަލިހާލަތާ ގުޅޭ ގޮތުންނާއި ބޭރަށް ފޮނުވައިދިނުމުގެ ހުއްދައަށް އެދިވަޑައިގެން އެ ވަކީލުން ކޯޓަށް ހާޒިރުވުމާއި، މީޑީއާތަކުގައިވެސް ގާސިމްގެ ފަރާތުން އެ ވަކީލުން ވާހަކަ ދައްކަވުމަކީ އެގޮތަށް ނިންމި ސަބަބެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަދު ގާސިމް ޝަރީއަތަށް ހާޒިރުވީ އެހެން ދުވަސްތަކާ ޚިލާފަށް އޭނާގެ ބޮޑީ ގާޑުންގެ އަތުގައި ހިއްޕަވައިގެން ކޮރުޖައްސަވާފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ގާސިމް ވާހަކަދެއްކެވީ ވަރަށް މަޑުންނެވެ. ކޯޓު ތެރޭގައި ހުންނެވި އިރުވެސް އޭނާގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފާހަގަވެގެންދިޔަ އެވެ.