މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ "ޖޭ ރިސޯޓްސް އަލިދޫ"ގެ މުވައްޒިފުންނަށް މުސާރަ ނުދީގެން އެ މުވައްޒިފުން ޝަކުވާކުރަން ފަށައިފި އެވެ.

ޖާބިރުގެ ޔޮޓް ޓުއާޒް އިން ހިންގަމުން އަންނަ ޖޭ ރިސޯޓުން ވާހަކަ ދެއްކި މުވައްޒަފަކު ނަން ނުޖެހުމަށް އެދި މިއަދު ބުނީ މިދިޔަ މަހުގެ މުސާރަ އެ ރިސޯޓުގެ އެއްވެސް މުވައްޒިފަކަށް އަދިވެސް ދީފައި ނުވާކަމަށާއި މުސާރަ ހޯދަން ކޮންމެ ދުވަހަކު ވެސް ޝަކުވާ ކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޖީއެމް ކައިރިއަށް ގޮސް އެތައް ފަހަރަކު ބުނެވިއްޖެ. އެއްވެސް މީހަކަށް އަދި އެއްވެސް ލާރިއެއް ނުދޭ. މިހާރު މި މަސް ވެސް ނިމެނީ. މިހާރު އިސް ބޭފުޅުން އުޅުއްވަނީ ވެސް ފޯނު ނިއްވާލައިގެން. އެދެވޭ ޖަވާބެއް އަދިވެސް ނުލިބޭ،" ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ނަން ހާމަކުރަން ބޭނުންނުވާ އެމުވައްޒަފު ބުންޏެވެ.

އޭނާ ބުނީ މީގެ ކުރިން ވެސް އެ ރިސޯޓުން މުވައްޒިފުންނަށް މުސާރަ ދެނީ މަސް ނިމި، ޖެހިގެން އަންނަ މަހުގެ 15 ހާތާނގާގައި ކަމަށެވެ. މުސާރައިގެ މައްސަލައިގާ އިއްޔެ ވެސް ބައެއް ސެކްޝަންތަކުގެ މުވައްޒިފުން ވަޒީފާ އަށް ނުނިކުމެ ހަޅުތާޅުގައި ތިބިކަމަށް އޭނާ ބުންޏެވެ.

"އިއްޔެ ވެސް ލޯންޗް ޝެކްޝަނާއި އަދި ހައުސްކީޕިން އިން ބައެއް މުވައްޒަފުން މުސާރައިގެ މައްސަލައިގައި ވަޒީފާއަކަށް ނާދޭ. އެބޭފުޅުން ތިއްބެވީ ހަޅުތާލުގައި،" އެ މުވައްޒަފު ބުންޏެވެ.

މިއަދާ ޖެހެންދެން މުސާރަ ހޯދުމަށް ކުރި މަސައްކަތުން ކާމިޔާބެއް ނުލިބުމުން މިއަދު ހަވީރު 3:00 އިން، މަސައްކަތަށް ނުނިކުމެ، ސުލްހަވެރިކަމުގެ ހަޅުތާލަކަށް މުވައްޒަފުން ނިކުންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އެ ހަޅުތާލުގައި ހުރިހާ މުވައްޒިފުން ވެސް ބައިވެރިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިހާރު އެބޭފުޅުންނާ ވާހަކައެއް ނުދެއްކޭ. އަޅުގަނޑުމެން އެހެންވެ މި ނިކުންނަނީ ތިނެއް ޖަހާއިރަށް. މުސާރަ ދެންދެން އަޅުގަނޑުމެން މަސައްކަތަށް ނުނިކުމެ ސްޓާފް އޭރިއާގައި ތިބެން މި ނިންމަނީ،" އެ މުވައްޒަފު ބުންޏެވެ.

ޖޭ ރިސޯޓުގެ މެނޭޖްމަންޓުގެ ބަހެއް ހޯދުމަށް ސަން އިން ކުރި މަސައްކަތް ވަނީ، އެ ރިސޯޓުގެ އިސްވެރިޔެއްގެ ބަހެއް ނުލިބުމުން ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

އެ ރިސޯޓަށް އެކިފަހަރުމަތިން ގުޅުމުން ފޯނުން ވާހަކަ ދެއްކި ފަރާތުން ބުނަނީ، "ރިސޯޓްގެ އިސްބޭފުޅަކު މިވަގުތު އޮފީހުގައި ނޫޅުއްވާ" ކަމަށެވެ.

އެ ރިސޯޓް ހިންގާ ޔޮޓް ޓުއާސްގެ ވެރިޔާ ޖާބިރަށް ގުޅި އިރު ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.