ނިއުދިއްލީ (20 ޖުލައި) : އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިޔާގެ އިސްމަސްއޫލުވެރިންނާއެކު ސްޓްރެޓީޖިކް ވާހަކަ ތަކެއް ދައްކަމުން ގެންދާ ކަމަށް ޚަބަރުލިބިއްޖެވެ. މި ސްޓްރެޓީިޖިކް ވާހަކަތަކުގައި އިންޑިޔާގެ ބާޒާރު ދުނިޔޭގެ ޤައުމުތަކަށް އިތުރަށް ހުޅުވާލުމަށް އިންޑިޔާގެ މަސްއޫލުވެރިންނަށް ހިލަރީ ގޮވާލައްވިއެވެ.

އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ނިއުދިއްލީގައި ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވީ އިންޑިޔާއާއެކު އެމެރިކާ ސޮއިކޮށްފައިވާ މަދަނީ ނިއުކްލިޔަރ އެއްބަސްވުންތައް ތަންފީޒުކުރުމަށް އެޅިފައިވާ ހުރަސްތައްވެސް ނައްތާލަންޖެހޭ ކަމަށާއި މިކަމާބެހޭގޮތުން އެމެރިކާ ކުރާ ސުވާލުތަކަށް އިންޑިޔާ ޖަވާބު ދޭންޖެހޭ ކަމުގައެވެ.

ދެޤައުމުން ސޮއިކޮށްފައިވާ މަދަނީ ނިއުކްލިޔަރ އެއްބަސްވުންތައް ތަންފީޒުކުރުމަކީ އެމެރިކާގެ ކުންފުނިތަކަށް އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ވިޔަފާރިއަށް މަގުފަހިވާނެ އެއްބަސްވުންތަކެއް ކަމަށްވާތީ މިއެއްބަސްވުން ތަންފީޒުކުރުމަށް ހިލަރީގެ ދަތުރުފުޅުގައި އިންޑިޔާއަށް ބާރުއަޅަމުން ގެންދާކަމަށް މުރާސިލުންބުނެއެވެ.

މިއެއްބަސްވުމުގެ ދަށުން އިންޑިޔާގެ ނިއުކްލިޔަރ ސެކްޓަރ އެމެރިކާގެ ނުފޫޒުގެ ދަށަށްދާކަމަށްބުނެ އިންޑިޔާގެ އިދިކޮޅު ފަރާތްތަކުން ދެކޮޅުހެދުމުގެ ސަބަބުން މިއެއްބަސްވުން ތަންފީޒުކުރަން އިންޑިޔާ ސަރުކާރުންވަނީ ފަސްޖެހިފައެވެ.
ހިލަރީގެ ދަތުރުފުޅުގައި ޓެރަރިޒަމާ އިދިކޮޅު ހަނގުރާމައިގާ ދެޤައުމު އެއްބާރުލުމާބެހޭގޮތުން އިންޑިޔާގެ މަސްއޫލުވެރިންނާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ޚަބަރުލިބެއެވެ.

މީގެއިތުރުން މިދަތުރުފުޅުގައި އެތަށް އެއްބަސްވުންތަކެއްގައި ދެޤައުމުގެ މަސްއޫލުވެރިން ސޮއިކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެތެރޭގައި އިންޑިޔާގައި އިންވެސްޓް ކުރުމުގެ ފުރްސަތު އެމެރިކާގެ ކުންފުނިތަކަށް ހުޅުވާލުމާއި ޓެރަރިޒަމް ހުއްޓުވުމުގެ ނަމުގައި އެމެރިކާ ހިންގާ ޙަރަކާތްތަކަށް އިންޑިޔާގެ އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެވެ. -- އަލްޖަޒީރާ