ގޫގުލްގެ މައި ކުންފުނި އަލްފަބެޓް އިންކްއަށް ޔޫރަޕިއަން ކޮމިޝަން (އީސީ)އިން ދައްކަން އަމުރުކުރި ބޮޑު ޖޫރިމަނާގެ ސަބަބުން އެ ކުންފުނިން ހީކުރި ވަރަށް އާމްދަނީ ނުލިބިއްޖެއެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތަށް ދައްކާގޮތުގައި މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި އާމްދަނީ ގޮތުގައި 26 ބިލިއަން ޑޮލަރު ޖެހިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 21 ޕަސެންޓްގެ ކުރިއެރުމެކެވެ.

ނަމަވެސް ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި ޖޫން މަހުގެ ނިޔަލަށް ލިބިފައި ވަނީ 3.5 ބިލިއަން ޑޮލަރުގެ އަދަދެކެވެ.

އަލްފަބެޓަށް އަހަރަކަށްފަހު އަހަރަކު ލިބުނު ފައިދާ 30 ޕަސެންޓް ދަށްވެފަ އެވެ.

އީސީން ވަނީ އަލްފަބެޓް އިންކްގެ މައްޗަށް 2.7 ބިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މިދިޔަ ޖޫން މަހުގައި ކޮށްފަ އެވެ. އެ ކުންފުނީގެ މައްޗަށް ކުރެވުނު ޖޫރިމަނާގެ އަސްލަކީ ގޫގްލް ގެ ޝޮޕިންގް-ކޮމްޕެރިސަންގެ ހިދުމަތް ގޫގްލް ސާޗް ރިޒަލްޓް ގެ ގޮތުގައި އެންމެ ފުރަތަމަ ރޭންކުގައި ހިމެނުމުގެ ސަބަބުންނެވެ.

ޔޫރަޕިއަން ކޮމިޝަނުން ވަނީ މިއީ އަލްފަބެޓްް އިންކްގެ ޕްރޮޑަކްޓް ގޫގްލްގެ ބޭނުން ނުހައްގުން އަދި ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ކަމެއްކަމުގައި ބުނެފަ އެވެ.

މިއީ އީސީން މިހާތަނަށް މިފަދަ ކުންފުންޏެއްގެ މައްޗަށް ކުރި އެންމެ ބޮޑު ޖޫރިމަނާއެވެ.

ނަމަވެސް އަލްފަބެޓް އިންކުން ބުނި ގޮތުގައި އެ މީހުން ފަހަރުގައި މި ޖޫރިމަނާ ކުރެވުނު އަދަދު އަލުން ބަދަލުކުރުމަށް މަސައްކަތްކުރާނެއެވެ.