24 Jul 2017, 23:56
އިދިކޮޅު ފަރާތްތަކުން ހިންގާ އަމަލުތަކުގެ ސަބަބުން ދައުލަތް ހުއްޓުމަކަށް ނާންނާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަކީ ޒިންމާދާރު، ގާބިލު ސަރުކާރެއް ކަމަށް ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ. އަދި ކޮންމެ ހާލަތެއްގައިވެސް ރައީސް ޔާމީން ކަންތައްތައް ކުރައްވަމުން ގެންދަވަނީ ހިކުމަތްތެރިކަމާ އެކުގައި ކަމަށެވެ. އެހެން ކަމުން ދައުލަތް ހުއްޓުމަކަށް އަންނާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކަށް ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގާނޫނީ ގޮތުން އުފެދިފައި އޮތް ރައްޔިތުންގެ ސަރުކާރެއް ވައްޓާލުމަށްޓަކައި ޣައިރު ގާނޫނީ ހަރަކާތަކުން ވެރިކަން ބަދަލުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
"ހަމަ މަގުމައްޗަށް ނުކުމެގެންނެއް ނުވަތަ ވަކި ތަނެއްގައި ބާއްވާ ޖަލްސާއަކުން ނުވަތަ މީހަކަށްކޮށްފައި އޮންނަ ތާއީދެއް އަނބުރައި ގެންދިއުމެކޭ ބުނުމަކުންނެއް ސަރުކާރު ވައްޓާލާކަށެއް ފުރުސަތެއް ނުދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެރިކަން ބަދަލުކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް އޮންނާނެ ކަމަށާއި، އެއީ ވޯޓު ލައިގެން ބަދަލު ކުރުން ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ސަލާމަތީ ބާރުތަކުން ކުރިއަށް އޮތްތަނުގައިވެސް މުއައްސަސާތައް ހިމާޔަތް ކުރުމާއި، ސުލްހަ ގާއިމް ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ގާނޫނާ އެއްގޮތަށް ކުރަމުން ގެންދާނޭކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމަށް ސަރުކާރުން ފުރުސަތު ދޭނެ ކަމަށާއި، އަދި އުސޫލުތަކާ އެއްގޮތަށް ހަމަޖެހިފައި އޮންނަ ނިޒާމުގެ ތެރެއިން އެއްވެ އަޑު އުފުލުމަށް ސަރުކާރުން ހިތްވަރުދޭނެ ކަމަށެވެ.
ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމާއި ގާނޫނަަށް ހުރުމަތްތެރިކޮށް ހިތުމަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ރީތި އާދައެއްކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ އާދަ ނިގުޅައިގަންނަން މަސައްކަތް ކުރަމުން ދާ ކަމަށައި، އެކަމުގެ ސަބަބުން އިޖުތިމާއީ ގޮތުން ކުރިން ހުރި މައްސަލަތަކަށްވުރެ ބޮޑެތި މައްސަލަތައް ކުރިމަތިވާން ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި އިސްލާމް ދީން ނޫން ދީންތައް ފަތުރަން މަސައްކަތް ކުރި މަންޒަރު ފެނުނު ކަމަށާއި، އެހެން ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން އޭތީސްޓުން ނުވަތަ ދީން ގަބޫލު ނުކުރާ މީހުން އުފެއްދުމަށްޓަކައި މަސައްކަތް ކުރާ މިންވަރު އިތުރުވެގެން ގޮސްފައިވާ ކަަމަށެވެ. އަދި އެކަމަކީ ގައުމަށް ނުރައްކާ ބޮޑު ކަމެއް ކަމުގައި ފާހަގަ ކުރެއްވި އެވެ.
އެގޮތުން ސޯޝަލް މީޑިއާގައި ބައެއް މީހުންގެ އަގީދާގެ ބަލިކަށިކަމާއި، އެކަންކަމާ ގުޅިގެން މީހުންނަށް ކޮށްފައި ހުރި އަސަރުތައް އެމީހުން ކުރާ ޕޯސްޓު ތަކުން ފެންނަމުންދާ ކަމަށެވެ. އަދި ސޯޝަލް މީޑިއާއިން ރަނގަޅަށް ވަކިވަކި މީހުންގެ ޕްރޮފައިލް ތަކަށް ބެލުމުން ދީން ގަބޫލު ނުކުރާ މީހުންނާއި އެފަދަ މީހުން ނިސްބަތްވަނީ ކޮންޕާޓީއަކަށްކަން އެނގިގެންދާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ޕާޓީއެއް ކަމެއް މިނިސްޓަރު ފާހަގައެއް ނުކުރައްވައެވެ.