20 Jul 2011, 12:54
ކަސްތަލޯޒީރޯ (ޖުލައި 20) : ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ އެކަހެރި ކުރުމާއި ޙިސާރުގެ އަނިޔާވެރި ފިޔަވަޅުތައް ފޫއަޅުވާލުމަށް މަސައްކަތްކުރި ބައިނަލްއަޤްވާމީ ސުލްހައިގެ އެކްޓިވިސްޓުންގެ އާގުބޯޓު އިސްރާއީލު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފިއެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް ޖައްސާފައިވާ ލާއިންސާނީ ޙާލަތު ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރި ބައިނަލްއަޤްވާމީ ސުލްޙައިގެ އެކްޓިވިސްޓުންގެ ތެރޭގައި ގިނައީ ޔޫރަޕްގެ ޤައުމުތަކާއި ޢަރަބި އިސްލާމީ ޤައުމުތަކުގެ ސުލްޙައިގެ އެކްޓިވިސްޓުންނެވެ.
ޙާލުގައި ޖައްސާފައިވާ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ހިފައިގެން އެމީހުން ގްރީސްގެ ކަސްތަލޯޒީރޯ އިން ފުރައިގެން ކަނޑުގެ މަގުން ޣައްޒާއަށް ދަތުރުކުރީ ފަރަންސޭސިވިލާތުގެ ބޯޓެއް ކަމަށްވާ ކަރާމާ ގައެވެ.
ނަމަވެސް މެދުތެރޭކަނޑުގެ ބައިނަލްއަޤްވާމީ ސަރަޙައްދުގައި އެބޯޓު ޣައްޒާއާ ދިމާއަށް ދަތުރުކުރަނިކޮށް އިއްޔެ ހަވީރުގެ ވަގުތެއްގައި އިސްރާއީލުގެ ކަނޑުގެ ސިފައިން އެބޯޓު ކަނޑުފޭރި އޭގައިތިބި ސުލްޙައިގެ އެކްޓިވިސްޓުން ހައްޔަރު ކުރުމަށްފަހު އެބޯޓު މިހާރުވަނީ އިސްރާއީލުގެ އަސްދޫދު ބަނދަރަށް ގެންދިޔުމުގެ މަގުމަތީގައި ކަމަށް އެއިން ދަތުރުކުރި އަލްޖަޒީރާގެ މުރާސިލް ބުނެއެވެ.
2010 ވަނަ އަހަރުވެސް ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސް ހިފައިގެން ބައިނަލްއަޤްވާމީ ސުލްޙައިގެ އެކްޓިވިސްޓުން ދަތުރުކުރި ޔޫރަޕްގެ މިނިވަން ފްލީޓް ބައިނަލްއަޤްވާމީ ކަނޑުގައި ވަނިކޮށް އިސްރާއީލު ސިފައިންވަނީ އެބޯޓަށްވެސް އަރައި އޭގައިތިބި ހަތިޔާރުނެތް ސުލްޙައިގެ އެކްޓިވިސްޓުންގެ ތެރެއިން 9 މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައި ބިރުވެރި ޤަތްލު ޢާންމެއް ހިންގާފައެވެ.
އިސްރާއީލުން ހިންގި މި ޤަތްލު ޢާންމާއި ކަނޑުފޭރުމުގެ ޖަރީމާގައި މަރާލާފައިވަނީ ތުރުކީގެ 9 އެކްޓިވިސްޓުންނެވެ. މިޖަރީމާއާގުޅިގެން ތުރުކީންވަނީ އިސްރާއީލަކީ ކަނޑުފޭރޭ ޓެރަރިސްޓް ޤައުމެއް ކަމަށް ސިފަކޮށް އިސްރާއީލާއެކު ބާއްވާ ގުޅުންތައް ވަރަށް ބޮޑަށް ކުޑަކޮށް އިސްރާއީލާ ދެކޮޅަށް އެކަހެރި ކުރުމާއި ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އަޅާފައެވެ.
ކަރާމާ ބޯޓާ ދެކޮޅަށް އިސްރާއީލުން އިއްޔެ ހިންގި ކަނޑުފޭރުމުގެ ޢަމަލާ ގުޅިގެން އެބޯޓުގެ އެކްޓިވިސްޓުން ބުނީ އެމީހުން ހައްޔަރުކޮށް ބޯޓު ކަނޑުފޭރުނު ނަމަވެސް ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ލާއިންސާނީ ޙިސާރުގެ ފިޔަވަޅުތައް ދުނިޔޭގެ ސަމާލު ކަމަށް ގެނެވިފައިވާ ކަމަށާއި ކަނޑުފޭރޭ އަނިޔާވެރި ޤައުމެއްގެ ގޮތުގައި އިސްރާއީލު އަނެއްކާވެސް ސިފަވެގެން ހިނގައްޖެ ކަމުގައެވެ. -- އަލްޖަޒީރާ