ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަން ގާތުން ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމީ އަދި ޑިމޮކްރަޓިކް ނިޒާމެއް އޮތް މުޖުތަމައުއެއްގައި އެ ނިޒާމު ގާއިމް ކުރުމަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މުއައްސަސާތަކުގެ މެދުގައި ޚިޔާލުތަފާތުވެފައިވާކަމަށް ރައްޔިތުންނަށް ދޭހަވާނެ ފަދަ ގޮތަކަށް މައުލޫމާތު ފެތުރެމުން ދާ ކަމަށެވެ.

އެކަމުގެ ސަބަބުން އާއްމު މަސްލަހަތު ގެއްލި ރައްޔިތުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެ ފަދަ ގޮތަކަށް ކަންކަން ހިނގުމަށް މެދުވެރިވަމުން ދިއުމަކީ އެ އެޗްއާރުސީއެމުން ކަންބޮޑުވާ ކަމެއް ކަމުގައި އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނުގައި، ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މުޖުތަމައުގައި އަމާންކަން ގެއްލި އެހެން ފަރާތްތަކުގެ ހައްގަކަށް އުނިކަމެއް ލިބިދާނެފަދަ އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސްކޮށްފައިވެ އެވެ.