24 Jul 2017, 14:21
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އިން ޗައިނާ ސަރުކާރުގެ ޑޮންގްފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ ހަވާލުކޮށްގެން "ސްޓެލްކޯ ފިފްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔަތު ޝަރަފްވެރި ކޮށްދެއްވައި އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި ހަދާ އިންޖީނުގޭގެ މަސައްކަތްތައް ނިމި 2018ގެ މެދުތެރޭގައި ހިދްމަތް ދެވޭވަރުވާނެ އެވެ.
އޭގެ އިތުރުން މާލޭގައި އިތުރު ޕަވާ ޕްލާންޓެއް ހެދުމަށް ޓަކައި މިހާރު ޑިޒައިންގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު ފެށިގެންދާ މަސައްކަތް އިރާދަ ކުރެއްވިއްޔާ 2018 ވަނަ އަހަރުގެ މެދުތެރޭގައި ނިމިގެންދާނެ. އަދި ކަރަންޓްގެ ހިދުމަތް ދެވިގެންދާނެ ކަމަށް ޔަގީން ކުރެވެނީ 2018 ގެ މެދުތެރޭގައި،" ޒުހޫރު ވިދާޅުވި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މާލޭގައި އިތުރު ޕަވާ ހައުސްއެއް އެޅުމުގެ މަސައްކަތް ދިވެހި ސަރުކާރުން މިހާރު ފައްޓާފައިވާ ކަމަށާއި އެ މަސައްކަތުގެ ޑިޒައިންގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ހަކަތަ ފޯރުކޮށްދިނުމަށް މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޕްރޮޖެކްޓުގެ މަސައްކަތަށް މުޅި އަކު 104 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާ އިރު، ޚަރަދުވާ ފައިސާގެ ތެރެއިން 76 މިލިއަން އެމެރިކާ ޑޮލަރުގެ ލޯން އެހީ ދީފައި ވަނީ ޗައިނާގެ އެގްޒިމް ބޭންކުންނެވެ.
ހުޅުމާލޭގައި ހަދާ އިންޖީނުގެއިން 50 މެގެވޯޓުގެ ކަރަންޓު އުފެއްދޭ އިރު އެމަޝްރޫއުގެ ދަށުން މާލެ، ހުޅުމާލެ އަދި ހުޅޫލެ ކަރަންޓް ވިއުގައަކުން ގުޅިގެން ދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.