ދެކުނު-އިރުމަތީ އޭޝިއާއަށް ނިސްބަތްވާ ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ 'ގްރެބް' އިން ވިޔަފާރި ފުޅާކުރުމަށް 2.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ހޯދަން ތައްޔާރުވެއްޖެ އެވެ.

ޓެކްސީގެ ހިދުމަތްދޭ ކުންފުންޏެއްކަމަށްވާ ޑީޑީ ޗުޒިންގް އިންވަނީ 'ގްރެބް'ގެ ވިޔަފާރި ފުޅާކުރުމަށް ހޯދަން ޖެހޭ އިންވެސްޓްމެންޓްގެ ތެރެއިން ދެ ބިލިއަން އެކަމަށް ޚަރަދުކުރާނެކަމަށް މައުލޫމާތު ދީފަ އެވެ.

ޑީޑީ ޗުޒިންގް ވަނީ ދެކުނު-އިރުމަތީ އޭޝިއާގެ ސަރަހައްދުގައި ހުޅަނގުގެ ޓެކްސީ ހިދުމަތް ފޯރުކޮށްދޭ މަޝްހޫރު "އޫބާ"ގެ ބާރު އެ ސަރަހައްދުން ކުޑަކޮށް އެމީހުންގެ ވިޔަފާރި ފުޅާކުރުމަށް އޮތް ފުރުޞަތުތައް ހަނިކޮށްފަ އެވެ. މީގެ ސަބަބަކަށްވީ އޭޝިއާ ސަރަހައްދުގައި އޭޝިއާ ބައްރުން ނިސްބަތްވާ ކުންފުންޏަކަށް އެފުރުޞަތު ދިނުމަށެވެ.

މެލޭޝިއާއަށް އުފަން 'ގްރެބް' އަކީ އެ ސަރަހައްދުގައި އެންމެ މަގުބޫލު 'ރައިޑް-ޝެއަރިންގް' ނުވަތަ ޓެކްސީގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. އަދި އެ ކުންފުނިން މިހާރު ސަރަހައްދުމަތީގެ ހަތް ގައުމަކަށް ހިދުމަތް ފޯރުކޮށްދެ އެވެ.

ތަފާތު މާކެޓް ދިރާސާތަކުން އެނގޭ ގޮތުގައި 'ގްރެބް'ގެ މާކެޓް ޝެއާ ނުވަތަ ހިއްސާ 95 ޕަސެންޓްގައި ހިފެހެއްޓިފައިވާ އިރު އެކުންފުނިން ދުވާލެއްގެ މައްޗަށް ތިން މިލިއަނަށް ވުރެ ގިނަ ދަތުރުތައް ކުރެ އެވެ.