ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބިގެން ވަޒީރުކަމުން ވަކިވެވަޑައިގެންނެވި ޑރ. އިބްރާހިމް ދީދީ )ޑީޑީ( އަށް ފިޝަރީޒް މިނިސްޓަރުކަން އަލުން ދެއްވުމުން އެ މަނިކުފާނަށް ޒެޑް-ޑީއާރްޕީން ރުހުން ދޭނެ ކަމަށް ޑީޑީ ވިދާޅުވި ނަމަވެސް، އެ މައްސަލައާމެދު ވަކިގޮތެއް ނުނިންމަވާ ކަމަށާއި އެކަމާ މެދު ވިސްނަމުންދާ ކަމަށް ޒެޑް ފެކްޝަނުން ބުނެފި އެވެ.

ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުން ޑީޑީ އަށް ރުހުން ނުދޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެފައިވާތީ އެ ވާހަކަތަކަށް ރައްދުދެއްވައި ޑީޑީ ރޭ ވިދާޅުވެފައި ވަނީ ތަސްމީން އެހެން ވިދާޅުވި ނަމަވެސް، މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއި މިނިވަން މެންބަރުންނާއި ޒެޑްފެކްޝަނުން އޭނާއަށް ތާއީދުކޮށް ރުހުންދެއްވާނެ ކަމަށެވެ. އަދި ރުހުމާ ދޭތެރޭގައި ޔަގީކަން ބޮޑު ކަމަށް ވެސް ޑީޑީ ވިދާޅުވެފައިވެ އެވެ.

ޑީއާރްޕީގެ ލީޑަޝިޕާ ދެކޮޅަށް ދެތުވެ، ވަކި ފިކުރެއްގެ ދަށުން ސިޔާސީ މަސައްކަތް ކުރަމުންދާ ޒެޑް ފެކްޝަންގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ އެ ފެކްޝަނުން ޑީޑީއަށް ރުހުން ދިނުމަށް އަދި ނުނިންމާ ކަމަށެވެ. ހައެއްކަ މެންބަރުންގެ މައްޗަށް އެކުލެވޭ ޒެޑް ފެކްޝަނުންގެ މަޖިލިސް މެންބަރުން ޑީޑީއަށް ރުހުން ދިނުމާމެދު ވިސްނަމުންދާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

"ޑީޑީއަށް ރުހުން ދޭން ނިންމާފައެއް ނުވާނެ. އެ ކަމާމެދު އަޅުގަނޑުމެން ވިސްނަމުން މިދަނީ،" މަހުލޫފު ވިދާޅުވި އެވެ.

ޑީއާރްޕީގެ 24 މަޖިލިސް މެންބަރުންގެ ތެރެއިން ނުވަ މެންބަރުންނަކީ ޒެޑް ފެކްޝަންގެ ފިކުރަށް ތަބާވާ ބޭފުޅުންނެވެ. އަދި އެ ނުވަ މެންބަރުން ޑީޑީއަށް ރުހުން ދިނުމަށް ނިންމައިފި ނަމަ ސަރުކާރު ހިންގާ އެމްޑީޕީގެ 34 މެންބަރުނާ އެކު 43 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ޑީޑީއަށް މަޖިލީހުގެ ރުހުންލިބޭނެ އެވެ.