ރާއްޖެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް މާދަމާ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދައުވަތަކަށް ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައި، ދެގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމާ ބެހޭ އެއްބަސްވުންތަކުގައި ސޮއި ކުރައްވާނެ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުވެސް ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ވާހަކަ ދެކެވުނެވެ. ނަމަވެސް އެ ދެ އަހަރުވެސް ބޮޑުވަޒީރަށް ރާއްޖެއަށް ވަޑައިގެންނެވޭ ގޮތް ވަނީ ނުވެފަ އެވެ.

ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966ގައި އެވެ.