ސ. ގަން އެއާޕޯޓް ތަރައްގީކުރުމަށް ފަންޑު ހޯދުމަށް އޭޝިޔަން ޑިވޮލޮޕްމަންޓް ބޭންކް ]އޭޑީބީ[އާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް އެއެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ކޮންސޯޓިއަމް ކުންފުނި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގައި ހިމެނޭ އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީ ކުރުމަށް 50 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ހޯދަން މަސައްކަތް ކުރަނީ ފަންޑިންގެ ގޮތުގަ އާއި ޕްރައިވެޓް އިކުއިޓީގެ ގޮތުގައި ކަމަށެވެ.

"ރަންވޭ ތަރައްގީކުރުމަށް ގާތްގަނޑަކަށް 22 މިލިއަން ޑޮލަރު އެބަހަރަދުވޭ. އަދި މީގެ އިތުރުން އިކުއިޕްމަންޓްސް އާއި އިންފުރާސްޓްރަކްޗާ އަށް 29 މިލިއަން ޑޮލަރު ހަރަދުވޭ. އަޅުގަނޑުމެން މިބަލަނީ ފަންޑިން އާއި ޕްރައިވެޓް އިކުއިޓީގެ ގޮތުގައި އެ ]ފައިސާ[ ހޯދުމަށް،" ޝާހިދު ވިދާޅުވި އެވެ.

ކޮންސޯޓިއަމްގައި ހިމެނޭ ކޮންމެ ކުންފުންޏަކުން ވެސް 60 މިލިއަން ރުފިޔާ ]ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު[ ގަން އެއާޕޯޓަށް ހަރަދުކުރަން އެއްބަސްވެފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެ ކޯންސޯޓިއަމްގައި ހިމެނެނީ އެސްޓީއޯގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް ]އެމްއޭސީއެލް[ އާއި ގަން އެއަރޕޯޓް ކޮމްޕެނީ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، އޭޑީބީއާ އެކު ކުރިއަށްދާ މަޝްވަރާތައް ވަރަށް ކާމިޔާބެވެ. އަދި ބޭންކަށް ހުށަހަޅަން ޖެހޭ ޓެކްނިކަލް ލިޔުންތައް ތައްޔާރުކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ލިޔުންތައް ހުށަހަޅަން ޖެހެނީ ޓެކްނިކަލްކޮށް. އެހެންކަމަށް ވުމުން ދިރާސާކޮށް އެ ލިޔުންތައް ބަޔަކާއި ހަވާލުކޮށްގެން ކުރިއަށް މިދަނީ. ސްޓަޑީތައް މިހާރު ނިމިފައި ހުރީ. ފުރަތަމަ މަޝްވަރާތަކުގައި އެބޭފުޅުން ވަރަށް ޕޮޒިޓިވް،" ޝާހިދު ވިދާޅުވި އެވެ.

މީގެ ކުރިން ގަން އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައި ވަނީ، ދުބާއީގެ ސުޕްރީމް ފިއުލް ޓްރޭޑިން އެފްޒެޑްއީ ކުންފުންޏާ އެވެ. ނަމަވެސް، ސަރުކާރާ އެކު ވެފައިވާ އެގްރިމަންޓާ އެއްގޮތަށް އަމަލުނުކުރާތީ އެ ކުންފުންޏާ އެކު ހަދާފައިވާ އެގްރިމެންޓް ބާތިލުކުރީ އެވެ.