މިދިޔަ މަހުގެ ނިޔަލަށް ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެ ބޭންކުން މިއަދު އާންމު ކުރި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ނަތީޖާއިން ދައްކާ ގޮތުން ޓެކުހަށް ނުކަނޑައި ފައިދާގެ ގޮތުގައި ބީއެމްއެލަށް 592 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާ ބަލާއިރު 17 ޕަސެންޓްގެ ކުރިއެރުމެއް ކަމަށާއި އެއީ ލަފާކުރި މިންވަރަށްވުރެ މަތީ އަދަދެއް ކަމަށް ބޭންކުން ބުނެފައިވެ އެވެ.

"ދެހާސް ސޯޅަ ވަނަ އަހަރުގެ ރެެކޯޑް ފައިދާއަށް ފަހު، ބީއެމްއެލުން ފަށާފައިވާ ފުޅާ އިންވެސްޓްމަންޓް ޕްރޮގްރާމާ އެކު ހިންގުމުގެ ޚަރަދު އިތުރުވެފައިވުމާއި ފައިދާގެ ރޭޓްތައް ކުޑަކޮށްފައިވާތީވެ، 2017 ވަނަ އަހަރު ފައިދާއަށް އަސަރުކޮށްފާނެ ކަމަށް ބީއެމްއެލުން ވަނީ ލަފާކޮށްފައެވެ." ބޭންކުން ބުނެފައިވެ އެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބީއެމްއެލުން ކުރިޔަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމް ފުޅާކުރުމުގެ ގޮތުން އަލަށް ތިން ބްރާންޗް ހުޅުވައި، 11 ސެލްފް ސާވިސް ބޭންކިން ސެންޓަރ ވަނީ ގާއިމްކޮށްފަ އެވެ. އަދި ހަމައެހެންމެ މުޖުތަމަޢަށް ފައިދާ ހުރި ޕްރޮގްރާމްތައް ހިންގުމަށްޓަކައި 30 ޖަމިއްޔާއަކާ އެކު މަޝްރޫޢު ހިންގައި އަދި ފައިސާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ. އަދި ދެ ވަނަ ކުއާޓަރުގެ ތެރޭގައި ބޭންކުން ވަނީ ކުރިޔަށް ވުރެ ބޭނުންކުރަން ފަސޭހަ އަދި ފެންވަރު ރަނގަޅު އިންޓަނެޓް ބޭންކިން ޕްލެޓްފޯމެއް ތަޢާރަފްކޮށް ކަސްޓަމަރުންގެ މަގުބޫލުކަން އިތުރުކޮށްފައެވެ.

މި އަހަރު މަދުވެގެން 22 ރަށެއްގައި 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ހިންގުމަށް ބީއެމްއެލް އިން ނިންމާފައިވާ އިރު މި ޕްރޮގްރާމްގެ ތެރެއިން 150 އާ ވަޒީފާ އުފެދިގެން ދާނެއެވެ.

"މި އަހަރުގެ ފުރަތަމަ ބައިގައި މި ލިބުނު ރަނގަޅު ނަތީޖާއާ މެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ. ކުރިން ލަފާކުރި މިންވަރަށްވުރެ ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެންނަށް ހޯދިފައި މިވަނީ ބޭންކްގެ ޕްރޮޑަކްޓްތަކަށް އަދި ޚިދުމަތްތަކަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުން. ވަރަށް ބުރަ ދުވަސްވަރެއް ނަމަވެސް އަޅުގަނޑުމެންގެ މުވައްޒަފުން ދަނީ ހީވާގިކަމުގެ ލާމަސީލު ނަމޫނާއެއް ދައްކަމުން. ޚާއްސަކޮށް މުޖުތަމަޢުތަކާ ބޭންކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ހިންގުނު އަހަރެންގެ ބޭންކް ކޮމިއުނިޓީ ކެމްޕޭންގެ ތެރެއިން ފެނުނު ގިނަ އަދަދެއްގެ އިވެންޓްތަކާއި ހަރަކާތްތައް ފާހަގަކޮށްލެވޭ. މި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެން ބުރަކޮށް މަސައްކަތްކުރަމުންދާނަން،" ބޭންކުން ނެރުނު ނަތީޖާއާ ގުޅޭގޮތުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 86 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 28 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި ފަސް ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.