ކާބުލް (ޖުލައި 24): އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއްދީ 24 މީހަކު މަރާލައިފި އެވެ.

އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި ކާރެއް ގޮއްވާލައިގެން ދިން އެހަމަލާގައި 42 މީހަކު ޒަހަމްވި އެވެ. އަދި ޝީއީން ދިރިއުޅޭ ސަރަހައްދަކަށް ދިން އެހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ.

އަފްގާން އޮފިޝަލުން ބުނި ގޮތުގައި އެހަމަލާ އަމާޒު ކުރީ ވަކި ބަޔަކަށް ކަން ޔަގީން ނުވި ނަމަވެސް ހަމަލާ ދިނީ އެގައުމުގެ މަޖިލިސް މެމްބަރެއް ކަމަށްވާ މުހައްމަދު މުހާގިގް ދިރިއުޅުއްވާ ގެ ކައިރިއަށެވެ. އަދި މެމްބަރު މުހާގިގްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެހަމަލާ ދޭން މަސައްކަތް ކުރީ މެމްބަރުގެ ގެޔަށެވެ. ނަމަވެސް ހަމަލާ ދިން މީހާ އެގެޔަށް ވަނުން ސެކިއުރިޓީ ގާޑުން ހުއްޓުވީ އެވެ.

މީގެ ކުރިން ކާބުލްއަށް ދިން އެފަދަ ހަމަލާތަކުގެ ޒިންމާ ނަގާފައި ވަނީ ތާލިބާނާއި އައިއެސް އިންނެވެ.

އދ.އިން ބުނާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އަފްގާނިސްތާނަށް ދިން ހަމަލާތަކުގައި 1،662 މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރެއިން 20 ޕަސެންޓް މީހުން ނިސްބަތް ވަނީ ވެރިރަށް ކާބުލްއަށެވެ. (ބީބީސީ)