އާޖެންޓީނާގެ ކުރިއަށްދާ ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ސެމީ ފައިނަލްގައި ލުއިސް ސުއަރޭޒް ޖަހައިދިން ދެ ލަނޑުން ޕެރޫ ބަލިކޮށް، އުރުގުއޭ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރާއްޖޭގަޑިން ރޭ ފަތިހު 5:45 ގައި ކުޅުނު މި މެޗްގެ ސުއަރޭޒް ދެ ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު މެޗްގެ 53 ވަނަ މިނެޓުގަ އެވެ. ދެ ވަނަ ލަނޑު އޭގެ ފަސް މިނެޓު ފަހުން ނެވެ. ލިވަޕޫލަށް ކުޅޭ ހުނަރުވެރި ފޯވަޑްގެ ފަރާތުން ރޭގެ މުޅި މެޗުގައި ވެސް ނުރައްކާތެރި ކުޅުމެއް ފެނިފައި ވެއެވެ.

ޕެރޫ އަށް ރޭގެ މެޗްގައި އެދެވޭ ކުޅުމެއް ނުދެއްކުނު އިރު ފެނުނީ ހުރިހާ ދިމާއަކުން ހާ އަޅައިފައިވަނިކޮށެވެ. ހާއްސަކޮށް މެޗުގެ ބޮޑު ބައެއްގައި އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން މުޅި މެޗުގައި ޕެރޫ އޮތީ ކޮށިއަރައިފަ އެވެ. މެޗްގެ 69 ވަނަ މިނެޓުގައި ޕެރޫން ރަތްކާޑެއް ލިބިގަތީ ޖުއާން މެނުއަލް ވަރަގަސްއަށެވެ.

ކޮޕާ އެމެރިކާގެ ތާރީހުގައި އެންމެ ގިނަ ފަހަރު މި މުބާރާތް ގެންގޮސްފައި ވަނީ އާޖެންޓީނާ އާއި އުރުގުއޭ އެވެ. މި ދެ ޓީމުގެ ތެރެއިން ކޮންމެ ޓީމެއް ވަނީ 14 ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެކަމަކު މި އަހަރުގެ މުބާރާތުގައި އުރުގުއޭ އަށް ވަނީ 15 ވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށް، އާ ރެކޯޑެއް ގާއިމުކުރާނެ ޗާންސެއް ލިބިފަ އެވެ.

މުބާރާތުން އާޖެންޓީނާ ކަޓުވާލި އުރުގުއޭ ފައިނަލުން ޖާގައެއް ކަށަވަރު ކުރިއިރު، ފައިނަލްގައި އުރުގުއޭއާ ދެކޮޅަށް ނުކުންނަ ޓީމެއް ކަށަވަރު ވާނީ ވެނަޒުއެލާ އާއި ދެކޮޅަށް ޕެރަގުއޭ މިރޭ ރާއްޖެގަޑިން ފަތިހު 5:45 ގައި ކުޅޭ ދެވަނަ ސެމީ ފައިނަލް މެޗަށް ފަހުއެވެ.