24 Jul 2017, 06:32
ޒީޓީވީ އިން ގެނެސްދޭ މިޔުޒިކް ރިއަލިޓީ ޝޯވ 'ސަ ރެ ގަ މަ ޕާ' އިން ފެނިގެން ދިޔަ ކުޅަދާނަ ލަވަކިޔުންތެރިޔާ ޒައިން އަލީ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ޒައިން މަރުވެފައި އޮއްވާ ފެނިފައި ވަނީ ޕާކިސްތާނުގެ ޝެއިޚްޕޫރާގައި، އޭނާގެ އެކުވެރިއެއްގެ ގޭގެ ފާޚާނާ ތެރޭގަ އެވެ.
އޭނާގެ އެކުވެރިންނާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، އެމީހުން ކަންބޮޑުވާން ފެށީ ޒައިން ފާޚާނާ އަށް ވަނުމަށް ފަހު ގިނަ އިރު ވާން ފެށުމުންނެވެ. އަދި ގިނަ އިރުތަކެއް ވީއިރުވެސް ޚަބަރެއް ނުވުމުން އެމީހުން ފާޚާނާ ދޮރު ވައްޓާލީ ކަމަށާއި، އޭރު ޒައިން އޮތީ ފާޚާނާ ތެރެއަށް ވެއްޓިފައި ކަމަށެވެ.
މަރުގެ ތަހުގީގު މިހާރު ކުރިއަށް ދާތީ، އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ޒައިންގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ބެލެވޭ ކަމަށް ބައެއް ނޫސްތަކުގައިވެ އެވެ.
ޒައިން އަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. އެހެން ނަމަވެސް އޭނާގެ އާއިލާ އިން ވަނީ ޒައިންގެ މަރަކީ ޑްރަގް އޯވަޑޯޒް އަކަށް ނުވާނެ ކަމަށް ބުނެފަ އެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ 'ސަ ރެ ގަ މަ ޕާ' އިން ފެނިގެން ދިޔަ ޒައިން އަށް ޝޯވ ކާމިޔާބު ނުކުރެވުނު ނަމަވެސް، އޭނާ ވަނީ އިންޑިއާ އަދި ޕާކިސްތާނު ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯދާފަ އެވެ. ޒައިން އަކީ މިޔުޒިކީ ފަންނާނުން ގިނަ އާއިލާއަކަށް އުފަން މީހެކެވެ.