24 Jul 2017, 00:55
އދ. މާމިގިލީ ބަނދަރުގެ ބައެއް، ބައިނަލްއަގްވާމީ ވިޔަފާރީ ބަނދަރެއްގެ ގޮތުގައި ހިންގަން ފެށުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ވެސް މާލޭގައި އެބަހުރި ކަމަށް އެތަން ހިންގަން ހަވާލު ކޮށްފައިވާ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.
ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުފަން ރަށް، މާމިގިލީގައި ހަދާފައިވާ ޖުމްލަ 1300 މީޓަރުގެ ދިގު މިނުގެ އެ ބަނދަރަކީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ބަނދަރެވެ.
އެ ބަނދަރުގެ ބައެއް ވިޔަފާރި ބަނދަރެއްގެ ގޮތުގައި ބޭނުންކުރަން ފަށަން އެމްޕީއެލްއާ ހަވާލުކުރީ ޓްރާންސްޕޯޓް އޮތޯރިޓީންނެވެ.
އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ސަންޓީވީ އިން މިރޭ ގެނެސްދިން "50 މިނެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ، މާމިގިލީގައި ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރެއް ހިންގަން ފެށުމުގެ ކުރިން ބައިނަލްއަގްވާމީ މިންގަނޑުތަކަށް އެތަން ފައްތަން ޖެހޭތީ އެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން ވިޔަފާރި ބަނދަރު ވަކިކޮށް ފެންސު ޖެހުމަށް ޓަކައި މިހާރު ކުރިއަށްދަނީ ކައުންސިލާ ގުޅިގެން އިން ވަކިކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ނިމުމާ އެކު ދެ ހަފްތާ ތެރޭގައި ފެންސު ޖަހައި ނިންމާލެވޭނެ ކަމަށެވެ.
އަދި ވިދާޅުވީ، އިން ވަކިކުރުމަށް ފަހު އެތަނުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށާއި އެތަނުގެ އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ވެސް މިހާރު މާލޭގައި އެބަހުރި ކަމަށެވެ.
އެމްޕީއެލް އިން މާމިގިލި ބަނދަރު ފުރަތަމަ ބޭނުން ކުރަން ފަށާނީ ހިލައާއި ހިލަވެލި ބާލާ ބަނދަރެއްގެ ގޮތުގަ އެވެ. ނަމަވެސް މާމިގިލި އޮންނަ ސަރަހައްދަކީ ފަތުރުވެރިކަމުގެ ޒޯނެއް ކަމުން އެތަނުގައި އިތުރު ޕްރޮޖެކްޓުތަކެއް ހިންގުމަށް އެމްޕީއެލް އިން ޕްލޭން ކޮށްފައިވެ އެވެ.
އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވި ގޮތުގައި، މާމިގިލި ސަރަހައްދަކީ ފެހުރިހި ބެލުމަށް ގިނަ އަދަދެއް ސަފާރީތައް ދާ ސަރަހައްދެއް ކަމުން މާމިގިލި ބަނދަރު ސަރަހައްދުގައި ޔޮޓްމެރީނާއެއް ތަރައްގީ ކުރުމަށް ރާވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ބޯޓު ޔާޑަކާއި މަސްވެރިންނަށް މަސް ލިބޭނެ އައިސް ޕްލާންޓެއް ވެސް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.