23 Jul 2017, 23:43
ގދ. ފިޔޯރީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ، ފިޔޯރީ އެސޯސިއޭޝަން ފޮ ކޮމިއުނިޓީ އެމްޕަވާމެންޓް (ފޭސް ޖަމިއްޔާ) އިން އިންތިޒާމް ކޮށްގެން އެރަށުގައި ބާއްވަމުން އަންނަ "ފިޔޯރީގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ މިއަހަރުގެ އެއްވަނައަށް އިސްމާއިލް މިފްޒާލް މުހައްމަދު ހޮވިއްޖެއެވެ.
މިއީ "ފިޔޯރީގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. މިމަހުގެ 20 އަދި 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިއަހަރުގެ މުބާރާތުގައި ހަތް އުމުރު ފުރައަކަށް ކުދިން ބައިވެރިވެއެވެ.

ފިޔޯރީގެ ފޭސް ޖަމިއްޔާއިން ބޭއްވި ދެވަނަ "ފިޔޯރީގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ފޭސް ޖަމިއްޔާ
މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ބޭއްވި ޖަލްސާގައި، މުޅި މުބާރާތުން އެއްވަނައަށް ހޮވުނު ފިޔޯރީ، އޯކިޑްމާގެ، މިފްޒާލް އަށް އިނާމެއްގެ ގޮތުގައި ވަނީ އުމްރާ ދަތުރަކާއި 5،000 ރުފިޔާ ދީފައެވެ.
ދެވަނައަށް ހޮވުނީ ފިޔޯރީ، ވެށި، ފާތިމަތު ޝާޔާއެވެ. އަދި މުޅި މުބާރާތުން ތިން ވަނައަށް ތިން ދަރިވަރަކު ހޮވިފައިވެއެވެ. އެއީ ފިޔޯރީ، ދޫރެސް، އައިމިނަތު ދިފްނާ އާއި ފިޔޯރީ، ގުލްބަކާގެ، އަބްދުﷲ މަހީލް މުއްތަލިބު އަދި ފިޔޯރީ، ނީޓްވިލާ، ފާތިމަތު ނީނާ އަހުމަދެވެ.

ފިޔޯރީގެ ފޭސް ޖަމިއްޔާއިން ބޭއްވި ދެވަނަ "ފިޔޯރީގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ފޭސް ޖަމިއްޔާ
ފޭސް ޖަމިއްޔާއަކީ 2012 ވަނަ އަހަރުން ފެށިގެން ފިޔޯރީގެ އިޖްތިމާއީ ތަރައްގީއަށް އެކި ދާއިރާތަކުން މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. އަދި އެ ޖަމިއްޔާއިން ފިޔޯރީގައި ޤުރުއާން ކުލާހެއް ހިންގަމުންދާއިރު، ފިޔޯރީގައި ބަނދަރު ސަރަހައްދުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ވެސް އެ ޖަމިއްޔާއިން އެގެންދަނީ ކުރަމުންނެވެ.
އޭގެ އިތުރުން ފިޔޯރީގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތާއި ކުޑަކުދިންނަށް ހާއްސަ ކޮށްގެން ފުޓްބޯޅަ އެކެޑަމީއެއް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.