ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ ބ. ވައްކަރު ނަމަކަށް ކިޔާ ރަށުގައި ބިދޭސީ އަކު ހިފަހައްޓައި އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ހަވީރު ކަމަށެވެ. އަދި މައްސަލައާ ގުޅިގެން މިހާތަނަށް ތިން ބިދޭސީ އަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާ ލިބުނު ބިދޭސީ މީހާ ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ލަންކާގެ ކުންފުންޏެއް ކަމަށްވާ ނަވަލޯކާ ކޮންސްޓްރަކްޝަން ގްރޫޕުން ބ. އަތޮޅު ބަޔޮސްފެއާ ކައިރީގައި އޮންނަ ވައްކަރުގައި ހަދަމުންދާ ރިސޯޓަކީ ތަރައްގީކޮށް ހުޅުވަން ތައްޔާރު ވަމުން އަންނަ ރިސޯޓެކެވެ. އެ ރިސޯޓުގައި އެކި ކެޓަގަރީގެ 135 ވިލާ ހުރެ އެވެ.