ހުކުމެއް ތަންފީޒު ކުރަމުން ދާ މީހުން ނުގަވައިދުން ދޭ މައުލޫމާތު ޝާއިއުކޮށް އެ ވާހަކަތައް ނުފެތުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިލްތިމާސް ކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުކުމް ތަންފީޒު ކުރާ ފަރާތްތަކާ ބައްދަލު ކުރެވޭނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި އެހެން އެއްވެސް ގަވާއިދެއްގެ ދަށުން އެފަރާތްތަކާ ބައްދަލު ނުކުރެވޭނެ ކަމަށެވެ.

އަދި ބުނެފައިވަނީ ހުކުމް ތަންފީޒު ކުރަމުންދާ މީހަކާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާއްމު ކުރަންވާނީ އެކަމާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެފަދަ ތަކެތި މީޑިއާ މެދުވެރިކޮށް ނުފެތުރުމަކީ ކަރެކްޝަން ސާވިސް އިން އިލްތިމާސް ކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

ކަރެކްޝަން ސާވިސްގެ ބަޔާނުގައި ބުނެފައިވާ އެ ގަވާއިދަކީ ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުކުރުމާއި، ފޯނުކުރުމާއި، ސިޓީ ގަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދާއި ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވާއިދެވެ.

ކަރެކްޝަންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ދަނޑިވަޅުގައި ހުކުމް ތަންފީޒު ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން އެ ސާވިސްއާ ހަވާލުނުވެ ތިބި ފަރާތްތައް، ވީ އެންމެ އަވަހަކަށް ހުކުމް ތަންފީޒު ކުރުން ކުރިއަށް ގެންދިއުމަށް ކަރެކްޝަންގެ ބެލުމުގެ ދަށަށް އައުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކަރެކްޝަނުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވަނީ ޖަލުގައި ހުންނަވައިގެން އެކިފަހަރުގެ މަތިން ބަޔާން ނެރުއްވައިފައެވެ. އަދި ސުޕްރީމް ކޯޓަށް އޭނާ ފޮނުވި ސިޓީތައް ވެސް ވަނީ މީޑިއާތަކުން ގެނެސްދީފައިވެއެވެ.

އޭގެ އިތުރުން، 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެން، އެތަނަށް އަމިއްލަފުޅަށް އަރުވައިވަޑައިގެން ހުންނަވައި، ރާއްޖޭގެ މަސްރަހާ ގުޅޭގޮތުން ބޭރުގެ ނޫސްތަކަށް އިންޓަވިއު ދެއްވައި، ތަފާތު ޓުވީޓްތައް ކުރައްވަމުންނެވެ.