23 Jul 2017, 23:50
ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރްދުގާން ގަލްފުގެ ސަރަހައްދަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގަތަރާއި އަވަށްޓެރި ގައުމުތަކުގެ މެދުގައި އޮތް ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ގޮވާލައްވައިފިއެވެ.
ގަތަރު-ގަލްފު މައްސަލަ ދިގުދައްމައިގެން އެއްވެސް ބަޔަކަށް އެކަމުން ކުރާނެ ފައިދާއެއް ނެތްކަމަށާއި އަވަސް ގޮތެއްގައި މި މިއްސަލައަށް ހައްލެއް ހޯދުމަށް އެމަނިކުފާނުވަނީ އިލްތިމާސްކުރައްވާފައެވެ.
އުރްދުގާން މިހެން ވިދާޅުވީ، އެމަނިކުފާނު ސައޫދީގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށް އެގައުމަށް ޒިޔާރަތްކުރައްވައިފައެވެ.
ސައޫދީ އަރަބިއާއަށްފަހު، ގަލްފުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ކުވައިތު އަދި ގަތަރަށް ވެސް އުރްދުގާން ޒިޔާރަތްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގެ އެންމެ މުހިންމު އެޖެންޑާއަކީ ގަލްފުގެ ހަތަރު ގައުމަކުން ހުސްވި ޖޫން މަހު ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅަށް އަވަސް ނިމުމެއް ގެންނެވުމަށް މަޝްވަރާ ކުރެއްވުމެވެ.
ގަތަރުގެ މައްޗަށް ސައޫދީ އަރަބިއާ އިސްވެ އޮވެ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ޓެރަރިސްޓު ޖަމާއަތްތަކަށް ފަންޑުކުރާކަމަށް ބުނެ ޑޮނަލްޑް ޓްރަމްޕް އެވާހަކަ ވިދާޅުވެފައިވަނިކޮށް އޭގެ ދުވަސްކޮޅެއް ފަހުންނެވެ.
ގަތަރުގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެގައުމުން މުސްލިމް ބްރަދަހުޑް ކިޔާ ޓެރަރިސްޓު ޖަމާއަތްތަކަށާއި އީރާން އަދި ސީރިއާގައި ހަރަކާތްތެރިވާ އެފަދަ ޖަމާއަތްތަކަށް ފައިސާއާއި ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދޭކަމުގެ ތުހުމަތެވެ.
ނަމަވެސް އެގައުމުން ވަނީ އެތުހުމަތުތައް އެކިފަހަރު މަތިން ދޮގުކޮށްފައެވެ.
ދާދިފަހުން އެގައުމުގެ އިކޮނޮމިކް މިނިސްޓަރު ޝޭހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ތާނީ ވަނީ ގަތަރުން އެގައުމަށް ކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅާ ދެކޮޅަށް ދުނިޔޭގެ ކޯޓުގައި ދައުވާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.