އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުންތަކަށް ހާޒިރީ ދަށްކަމަށް ބުނެ އެ ކޮމިޓީގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު މަގާމުން މިއަދު ވަކިކޮށްފިއެވެ.

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމުން މިއަދު ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުއެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އެފްއޭއެމުން ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދާއިރު އެ މަސައްކަތުގައި އެކްސްކޯގެ އެންމެހައި މެމްބަރުންގެ ބައިވެރިވުމާއި އެއްބާރުލުން ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެކްސްކޯގެ ހުރިހާ މެމްބަރުންނަށްވެސް އަސާސީ ގަވާއިދުގެ މަތިން ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިފައިވާއިރު އެ ކަންތައްތައްތައް ޒިންމާދާރު ކަމާއެކު ކުރުމަށް މިއަދު ވަކިކުރި ތިން މެމްބަރުންނަށް، މަގާމުން ވަކިކުރުމުގެ ކުރީން ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނަސޭހަތް ދެވުނުކަމުގައި ވީނަމަވެސް އެކްސްކޯގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގައި ތިން މެމްބަރުންވެސް ފަރުވާކުޑަކުރައްވާފައިވާ ކަމަށާއި އަދި އެންމެ އެކަށިގެންވާ އެއްބާރުލުން ލިބިފައިނުވާކަމަށެވެ.

އެފްއޭއެމް އިން ބުނީ މިއަދު ވަކިކުރި ތިން މެމްބަރުންވެސް ވަކިކުރީ އެފްއޭއެމްގެ ހިންގާ ގަވާއިދުގެ އާޓިކަލް (ށ) ގެ (33) ވަނަ މާއްދާގެ (9) ވަނަ ނަމްބަރަށް ރިއާޔަތްކޮށް ކަމަށެވެ.

އެ މައްދާގައި ބުނަނީ އެކްސްކޯ މެމްބަރެއްގެ މަގާމް ހުސްވާ ހާލަތްތަކުގެ ތެރެއިން، ވިދިވިދިގެން ހަ ބައްދަލުވުމަށް ހާޒިރުނުވުމަކީ މަގާމް ހުސްވާނެ ހާލަތެއް ކަަމަށެވެ.

އެފްއޭއެމްގެ އައު އެކްސްކޯ އެކުލަވައިލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އޭރު ރައީސަކަށް ބައްސާމް ގެނައުމަށް މަސައްކަތްކުރި މަޖިލީސް މެމްބަރުން ވިދާޅުވެފައި ވަނީ އެ ބޭފުޅުން މަގާމަށް އިންތިހާބުވާ ހިސާބުން، ފުޓްބޯޅައިގެ ތެރޭގައި އުޅޭ މީހުންގެ އަތްމައްޗަށް އެ މަގާމުތައް އަލުން ދޫކޮށްލައްވާނެ ކަމަށެވެ.