ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާދަމާ މާލޭގައި ބާއްވާ އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށާއި އެ އެއްވުމުގެ ޒިންމާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން އުފުލަން ޖެހޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މާދަމާ މާލޭގައި ބާއްވަން އުޅޭ އެއްވުމަކީ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވުމެއް ނޫން ކަމަށާއި އެ އެއްވުމުގައި ބައިވެރިވުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

ޝިފާން ވިދާޅުވީ އެ އެއްވުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުމެއް ކަމަށް ތަކުރާރުކޮށް ބުނެފައިވާތީ، އެ އެއްވުމުގެ ޒިންމާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން އުފުއްލަވަންޖެހޭނެ ކަމަށެވެ.

މާދަމާގެ އެއްވުމަށް އެއްވެސް ފަރާތަކުން ނުދިޔުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މާދަމާގެ އެއްވުން ބާއްވަން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީސް ކައިރީ ކަމަށާއި އެހެންކަމުން އެތަނަށް އެއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން އެހެން ވިދާޅުވިނަމަވެސް މާދަމާގެ އެއްވުން ބާއްވާނެ ތަނެއް އިދިކޮޅު އިއްތިހާދުން އިއުލާންކޮށްފައެއްނުވެއެވެ.