23 Jul 2017, 17:41
ރިޝްވަތުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
ފާރިސްގެ މައްޗަށް ތުހުމަތު ކުރާ ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރީ މިދިޔަ ބުދަ ދުވަހު އެވެ.
މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާރިސް ހައްޔަރު ކުރަން ނެރުނު އަމުރާއި ބަންދު ކުރަން ނެރުނު އަމުރު އިސްތިއުނާފު ކުރަން މިއަދު މެންދުރުފަހު ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
.@afarismaumoonarrest warrant & remand order appeal documents submitted to Criminal Court this afternoon.
— Maumoon Hameed (@maanhameed)July 23, 2017
ފާރިސްގެ ވަކީލުން ވިދާޅުވީ، ފާރިސް ހައްޔަރުކޮށްފައިވަނީ އަދި ދޫނިދޫ ޖަލުގައި ބަހައްޓަފައިވަނީވެސް ގާނޫނާ ޚިލާފަށް ކަމަށެވެ.
ފާރިސް ހައްޔަރުކޮށްފައިވަނީ އިތުރު ބަޔަކާ ބައިވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ.
ފާރިސްގެ މައްޗަށް ރިޝްވތުގެ ތުހުމަތުކޮށްފައިވާއިރު، އޭނާގެ މައްޗަށް ވަނީ ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާވެސް އުފުލާފަ އެވެ.
އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ، ފާރިސް ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެއެވެ.