ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ ފެށޭ ހަފްތާގެ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުގެ އިދާއާއި ން މިއަދު އަންގާފައިވަނީ މިނިވަން ދުވަހުގެ ހާއްސަ ޕްރޮގްރާމްތަކާއި ސެކިއުރިޓީގެ ކަންކަމަށް ރިއާޔަތްކޮށް މަޖިލީހުގެ ޖަލްސާތައް މިހަފްތާ ނުބާއްވަން މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 31 ޖުލައި ވާ ހޯމަ ދުވަހު ކަމަށް މަސީހު އަންގަވާފައިވާ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

އެ ޖަލްސާގެ އެޖެންޑާގައި ވަނީ ހަމައެކަނި މިނިސްޓަރަކާ ސުވާލު ކުރުމަށެވެ. އެއީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމާ ސުވާލު ކުރުމަށް އެޖެންޑާކޮށްފައިވާ މައްސަލަ އެވެ.

އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން މަޖިލީހުގެ އެއްވެސް ކޮމިޓީއެއް ވެސް ނޯންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ އިއުލާނުކޮށްފަ އެވެ.

މަޖިލީހުގެ ޖަލްސާތައް މެދު ކަނޑާލިކަން އިދާރާއިން އިއުލާނުކޮށްފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުގެ މައްސަލަ މާދަމާއަށް ތާވަލުކުރުމަށް ފަހު އެ މައްސަލަ ވަނީ ބާތިލު ކޮށްފަ އެވެ.

މައްސަލަ ބާތިލު ކުރި ސަބަބެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވީ މަޖިލީހަށް އެ މައްސަލަ ވެއްދިއިރު ސޮއިކުރި މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންގެ މެމްބަރުކަމުގެ ގޮނޑި ގެއްލުމުން އަދަދު ހަމަވާ ވަރަށް ސައްހަ ސޮއި ނެތުމުން ކަމަށެވެ.