ގދ. ތިނަދޫގެ ނަން އަނެއްކާވެސް "ހަވަރު ތިނަދޫ" އަށް ބަދަލު ކުރުމަށް ޓަކައި ރައީސްޖުމްހޫރިއްޔާގެ ލަފާފުޅަކަށް ތިނަދޫ ކައުންސިލުން އެދެފި އެވެ. މިފަދަ ލަފަޔަކަށް އެދުނީ ތިނަދޫގެ ނަމުގެ ކުރިޔަށް ހަވަރު ކަނޑައިލިތާ 32 އަހަރު ފަހުންނެވެ.


ގާތްގަނޑަކަށް 8000 އަށްވުރެ ގިނަ މީހުން އުޅޭ ތިނަދޫގެ ނަމުން "ހަވަރު" ކަނޑައިލެއްވި ކަން ދިވެހި ސަރުކާރުން އިއުލާން ކުރެއްވެވީ ޖޫން 27، 1979 ގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތިނަދޫ ރައްޔިތުންނާއި މުޙާތަބްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.


ތިނަދޫ ކައުންސިލުގެ ރައީސް އަހުމަދު ނަސީރު ވިދާޅުވީ ކައުންސިލުގައި ރަށުގެ ނަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ރަށުގެ ނަން ބަދަލު ކުރުމާ ބެހޭ ގޮތުން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ލަފާފުޅަކަށް އެދި އެމަނިކުފާނަށް މިދިއަ ހޯމަ ދުވަހު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށާއި ކައުންސިލު އޮތީ ރައީސް ދެއްވާ ޖަވާބެއްގެ އިންތިޒާރުގައި ކަމަށެވެ. ރަށުގެ ނަމަށް ބަދަލު ގެނެސް އަނެއްކާވެސް ކުރިޔަށް "ހަވަރު" ލުމާ ބެހޭ ގޮތުން ރައީސްގެ ލަފަޔަށް އެދުނީ ކައުންސިލުގެ އިއްތިފާގުން ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.


"އަޅުގަނޑުމެން މި ވިސްނުން ގެންގުޅުނު ކަމަށް ވިޔަސް އެކަން އެގޮތަށް ނިމޭނީ ރައީސް އެގޮތަށް ނިންމެވުމުން، އަޅުގަނޑުމެން މިތިބީ ރައީސް ދެއްވާނެ ޖަވާބަކަށް،" ނަސީރު ވިދާޅުވީ


ނަސީރު ވިދާޅުވީ ރަށުގެ ނަމާމެދު ދެވަނަ ވިސްނުމަކަށް ދާންޖެހުނީ ރަށުގެ ނަމުގައި ހިމެނޭ "ހަވަރު" އެބަޔާ ބެހޭ ގޮތުން ރާއްޖޭގެ އެކި ހިސާބުގައި އެކި ގޮތަށް މާނަ ކުރަމުންދާތީ ތިނަދޫގެ ނަމުގައި ހަވަރު ބޭނުން ކުރެވޭ ގޮތުގެ ހަގީގީ މާނަ އޮޅުންފިލުވައިދީ އޭގެ ބޭނުން ހިފުމަށް ކަމަށެވެ.


"އަސްލު އެއީ ރަސްކަން އޮތް ޒަމާނުގައި މިރަށަށް ދެވުނު ލަގަބެއް. އެކަން ތަފާތު ގޮތްގޮތަށް މާނަ ކުރާއިރު އެކަން އޮޅު ފިލުވައިދެވޭނީ އެބައި ބޭނުން ކޮށްގެން ކަމަށް އަޅުގަނޑުމެނަށް ފެނުނީ،" އޭނާ ވިދާޅުވި އެވެ.

ތިނަދޫއަށް "ހަވަރު ތިނަދޫ" އެނަން ކިޔަނީ ދިވެހި ރަސްކަމުގެ ލަޝްކަރުތައް ކަމަށްވާ ދޮށިމޭނާވަރާއި ވެލާނާވަރާއި ހަކުރާވަރާއި މާފަތްވަރާއި ދަހަރާވަރާއި ފާމުލަދޭރިވަރަށް ނިސްބަތް ކޮށެވެ. އައްސުލްތޯނުލް ޣާޒީ މުހައްމަތު ތަކުރުފާނުލް އައުޒަމްގެ ރަސްކަމުން ފެށިގެން ތިނަދޫ އޮތީ ހަވަރުގެ ބެލުމުގެ ދަށުގަ އެވެ. ސުލްތޯނު މުހައްމަދު މުއީނުއް ދީން އެކެއްގެ ރަސްކަމާ ހަމައަށް ތިނަދޫގެ ކަންކަން ހިންގައި ބެލެހެއްޓުމަށް ހަވަރުގެ ހަ ބޮޑު ބޭކަލުންގެ ތެރެއިން ބޭކަލަކު ތިނަދޫގައި ގާއިމުވެ ހުންނެވި އެވެ. އޭގެ ފަހުން ތިނަދޫ އާއި ކާޑެއްދޫ އާއި ކުބުއްޑޫން ހަވަރަށް ގެންނަން ޖެހޭތަކެތި ނަގައި މާލެ ގެނައުމަށް އައްޔަން ކުރައްވާފައި ހުންނެވީ ގޮއިވެރިއެކެވެ.


ވާރު އޮޑީގައި އަހަރަކު އެއް ފަހަރު ހަވަރަށް ގެނެވޭ ތަކެތި ހަވަރަށް ބައްސަވައި ދެއްވަނީ މާލޭ ދެ ދޮރާށި ދޭތެރޭގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިގެނެވެ. މިކަން ހުއްޓައިލީ 1959 ގައެވެ. ތިނަދޫގެ އެންމެ ފަހުގެ ގޮއިވެރިއަކީ ހިރިހަމާތި ކަލޭފާނެ އެވެ.


ތާރީހުގެ ބައެއް ވާހަކަ ބުނާ ގޮތުން ތިނަދޫގެ ހާދިސާތަކުން ދުވަސްވީ އެއްކަމަކީ އިސްލާމުންނާއި ކާފަރުން މެދު، ތިނަދޫގައި ކުރި ވާން ދެއްކި ހަނގުރާމައެކެވެ. އެކަމުގައި ބޮޑުތަކުރުފާނު މާލެއިން ހަވަރު ގެންގޮސް ހަނގުރާމައެއްކޮށް އެ ހަނގުރަމާ ކުރި ހަވަރާ ގުޅުވައިގެން ހަވަރު ތިނަދޫ ކިއީ އެވެ. )އެ ހާދިސާގެ މައްޗަށް ތާރީހީ ބަލައިލުމެއް ފަހުން ލިޔާނަމެވެ(


ތިނަދޫގެ ރައްޔިތުންގެ އަތުން އަހަރަކު އެއްފަހަރު މާލޭގެ ހަވަރަށް ދައްކަންޖެހޭ ތަކެތީގެ ތެރޭގައި 300 ބޮޑު ފަތަފޮޅި އާއި 1200 ވެށުން، 1200 ކާޑެއްދޫ ކުނަލާއި ރަށުގެ ކޮންމެ ގެއަކުން ހުޅެވި ކުނަލަކާއި 16 ބުރީގެ ވަކަވަލަކާއި ގޮއި އޮޑިއެއްގެ ބޮއްލުރައަކާއި ރަށުގެ ކޮންމެ މީހެއްގެ އަތުން ދެ ސަމުސާ ކާށިތެލާއި އަދި ކޮންމެ މީހެއްގެ އަތުން ބޮއިކޮއްޓޭ ބޮލި ހިމެނެ އެވެ.