23 Jul 2017, 13:36
ގޯލްޑް ކަޕްގައި ހިންގި ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއްގެ ސަބަބުން އެލް ސަލްވަޑޯގެ ހެންރޯ ރޮމޭރޯ އަދި ޑާވިން ސެރެންއަށް އުތުރު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ ކޮންކާކަފްއިން އަދަބު ދީފި އެވެ.
އެ ކުޅުންތެރިންނަށް ކޮންކާކަފްއިން އަދަބު ދީފައި ވަނީ ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އެމެރިކާ އަތުން އެލް ސަލްވަޑޯ ބަލިވި މެޗުގައި ރޮމޭރޯ އަދި ސެރެން ހިންގި ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއްގެ ސަބަބުންނެވެ. އެ މެޗުން އެމެރިކާ މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ސަލްވަޑޯގެ ޑާވިން ސެރެން(ވ): ގޯލްޑް ކަޕްގެ ކުއާޓާގައި އެމެރިކާގެ އޮމަރް ގޮންޒާލޭޒްގެ ގައިގައި ދަތް އެޅުމުން ކޮންކާކަފްއިން ވަނީ ތިން މެޗަށް ސެރެން ސަސްޕެންޑްކޮށްފައި --- ފޮޓޯ/ އޭޕީ
ކޮންކާކަފްއިން މައްސަލަ ބެލުމަށް ފަހު ސަލްވަޑޯގެ ޑިފެންޑަރު ރޮމޭރޯއަށް އަދަބުދީފައި ވަނީ އެމެރިކާ ފޯވަޑް ޖޯޒީ އަލްޓިޑޯގެ ބުރަކަށީގައި ދަތްއަޅާ އޭނާގެ މޭ މަތީ ހިފުމުންނެވެ. ކޮންކާކަފްއިން ވަނީ ރޮމޭރޯ ހަ މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
ސަލްވަޑޯގެ މިޑްފީލްޑަރު ސެރެން ސަސްޕެންޑްކޮށްފައި ވަނީ ތިން މެޗަށެވެ. އޭނާ ސަސްޕެންޑްކުރީ އެމެރިކާގެ އޮމަރް ގޮންޒާލޭޒްގެ ގައިގައި ދަތް އެޅުމުންނެވެ.